Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

އެމްޑީޕީގެ ރައީސަކާއި ޖޭޕީގެ ނައިބަކަށް އެއްބަސްވެއްޖެ

އިދިކޮޅު އިއްތިހާދުން ބޭއްވި ޕްރެސް ކޮންފަރެންސުގެ ތެރެއިން: ފޮޓޯ - ވީމީޑިޔާ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް އަދި ޖުމުހޫރީ ޕާޓީގެ ރަނިންމޭޓަކާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނިކުތުމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އެއްބަސްވެއްޖެއެވެ.

އެމްޑީޕީ، ޖޭޕީ، އަދާލަތު ޕާޓީގެ އިތުރުން ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އެކުގައި މަސައްކަތް ފަށައި، އިއްތިހާދު އަނެއްކާވެސް ވަރުގަދަ ވެއްޖެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އެމްޑީޕީގެ ފަރާތުން އެޕާޓީގެ ރައީސް، މުޙައްމަދު ނަޝީދު އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުން، އިއްތިހާދު ރޫޅި، ބައިބައިވެގެން ގޮސްފައިވާ ކަމަށް އަޑު ފެތުރިގެން ދިޔައެވެ. އެކަމަށް އެންމެ ބޮޑު ބާރެއް ލިބުނީ ޖޭޕީގެ ލީޑަރ، އޮނަރަބަލް ގާސިމް އިބްރާހިމް ފޭސްބުކް ލައިވް މެދުވެރިކޮށް ފޮނުވި މެސެޖަކާއެކުގައެވެ.

ގާސިމް ވަނީ އެމަނިކުފާނުގެ ހިޔަނި ކެބިނެޓެއް، އެމްޑީޕީއަށް އެއްވެސް ޖާގައެއް ދިނުމެއް ނެތި އިއުލާން ކުރައްވާފައެވެ. އެމްޑީޕީ ބާކީ ކުރުމަށް ފަހު ގާސިމް އިއުލާން ކުރެއްވި ކެބިނެޓުގައި އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ އަރިސް ބޭފުޅުންނަށް ވެސް މަގާމް ދެއްވާފައިވެއެވެ.

ނަމަވެސް ގާސިމްގެ އިއުލާނަކީ މަޝްވަރާ ކުރުމެއް ނެތި، އަދި އެންގުމެއް ވެސް ނެތި ކުރި އިއުލާނެއް ކަމަށް ނަންގަނެވުނު ބޭފުޅުން ވިދާޅުވުމުން ގާސިމް ވަނީ ފޭސްބުކް މެދުވެރިކޮށް ދިން ލައިވް މެސެޖު ފޮހެލާފައެވެ.

އިދިކޮޅު ފަރާތްތަކުގެ މެދުގައި، ޚާއްސަކޮށް އެމްޑީޕީއާއި ޖޭޕީގެ އާންމު މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިފައި ވަނިކޮށް އިއްޔެ ކުއްލި ގޮތަކަށް ރައީސް ނަޝީދު އެމަނިކުފާނުގެ ރިޔާސީ ޓިކެޓު ދޫކޮށްލެއްވުމަށް ނިންމެވި ނިންމުމާއެކު އިއްތިހާދަށް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ.

ގައުމަށްޓަކައި ނަޝީދު ކުރެއްވި ބޮޑު ގުރުބާނީއެއްގެ ގޮތުގައި އެ ނިންމުން އިއްތިހާދުން ސިފަކޮށްފައިވަނީ ގާސިމްގެ ހިޔަނި ކެބިނެޓް ހަނދާނުން ފޮހެލުމަށް ފަހު އަނެއްކާވެސް އާފެށުމަކުން އެކީގައި ކުރިއަށް ދިއުމަށް އަތުގުޅާލައިގެން ތިބި ސިފައެއްގައެވެ.

ޚަބަރު ލިބޭ ގޮތުގައި އެމްޑީޕީގެ ފަރާތުން ރައީސް ކަމަށް ވާދަކުރައްވާނީ އެޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބޫ އެވެ. އިއްޔެ އެޕާޓީގެ ބައެއް ބޭފުޅުން ނަޝީދު ވާދަނުކުރައްވަން ގަސްދު ކުރެއްވުމާއެކު އިބޫ އަށް ބައިއަތު ހިފާފައިވާއިރު ގިނަ ބަޔެއްގެ ތާއީދު އިބޫއަށް ވަނީ ލިބިފައެވެ.