Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

އަދާލަތުން އިބޫ އަށް ތާއިދު ކުރަން ނިންމައިފި

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް އެޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރ، އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އަށް ތާއީދުކުރަން ނިންމައިފިއެވެ.

އަދާލަތު ޕާޓީއިން އިބޫއަށް ތާއީދު ކުރުމަށް ނިންމާފައިވާއިރު އެކަން ވަނީ "އައްޑޫލައިވް" އަށް ކަށަވަރުކޮށްދެއްވާފައެވެ. އެމްޑީޕީގެ ކޮންގްރެސް އއ. އުކުޅަހުގައި ފަށާފައިވާއިރު އިބޫ ވަނީ މިއަދު އެމްޑީޕީ އިން ނެރޭ ކެންޑިޑޭޓު އިއުލާނު ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރޭ ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ނެރުނު ބަޔާނެއްގައި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކަށް އެމްޑީޕީގެ ކެންޑިޑޭޓެއް ނެރުމަށާއި ރަނިން މޭޓަކަށް ޖޭޕީއިން ބޭފުޅަކު ނެރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

ގިނަ ބަޔަކު ކެންޑިޑޭޓަކަށް އެމްޑީޕީ އިން އިބޫއަށް ތާއީދު ކުރާ ކަމަށް ސޯޝަލް މީޑިޔާގައި ބުނަމުން އަންނަ އިރު ރަނިން މޭޓަކަށް ގިނަ މީހުން ތާއީދު ކުރަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއެވެ. ނަމަވެސް ޖޭޕީގެ ފަރާތުން ރަނިން މޭޓަކަށް ނިކުންނަވާނީ ޑރ. އަބްދުﷲ މައުސޫމް ކަމަށްވެސް އަޑު ފެތުރިފައި ވެއެވެ.