Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އެމްޑީޕީ: ދޮޅު އަހަރަށް އެއްބައިވަންތަ ސަރުކާރެއް

ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި އެކު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ކުރިއަށް އޮތް ދޮޅު އަހަރަށް އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް އެމްޑީޕީން ނިންމައިފިއެވެ.

އއ. އުކުޅަހުގައި މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ އެޕާޓީގެ އާދަޔާ ހިލާފު ކޮންގްރެސްއިން އާއްމު ކުރި އެޕާޓީގެ މެނިފެސްޓޯގައި ބުނެފައިވަނީ ރާއްޖޭގެ މުވައްސަސާތައް ހަރުދަނާކޮށް ރާއްޖޭގެ މުވައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ދޮޅު އަހަރުގެ އެއްބައިވަންތަ ކަމުގެ ސަރުކާރުން ހޯދައިދޭނެކަމަށެވެ.

މީގެ އިތުރުންވެސް މި މުއްދަތަކީ ސިޔާސީ ޕާޓޯތަކަށް ބީވެގޮސްފައިވާ ގާނޫނީ ބާރު ލިބިގެންދާނެ ދުވަސްތަކެއް ކަމަށެވެ.

އެމްޑީޕީގެ މެނިފެސްޓޯ ހުށަހަޅައިދެއްވަމުން އެޕާޓީގެ ސްޕޯކްސް ޕާސަން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅައި ނިންމުމަށް ފަހު ރައްޔިތުން އިތުބާރު ކުރާ ވެރިކަމުގެ ނިޒާމަކަށް ބަދަލުކޮށްދޭނެ ކަމަށެވެ.

އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ބޭނުމަކަށް ވާނީ ކޮންމެ ސިޔާސީ ޕާޓީ އަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ބޭފުޅުންނަށް ބައިވެރިވެވޭ ރިޔާސީ އިންތިޚާބެއް ހޯދައި ދިނުން ކަމަށް އިންތި ވިދާޅުވިއެވެ.

އެމްޑީޕީން ބުނެފައިވަނީ ހުރިހާ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަކު ނެރެ އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނެކަމަށެވެ. އަދި އެޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަަމަށާއި ރަނިން މޭޓަކު ނެރޭނީ ޖުމްހުރީ ޕާޓީން ކަމަށްވެސް ވަނީ ބުނެފައެވެ.

މާދަމާ އެމްޑީޕީގެ ކޮންގްރެސް ނިމޭއިރު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅިގެންދާނެއެވެ. މިހާރު އިވޭ އަޑުތަކަށް ބަލާއިރު އެމްޑީޕީން ނެރޭނީ އެޕާޓީގެ ޕީޖީ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އެވެ.