މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހުޔާކޮށް ދިރުވުމުގެ ޕްރޮގްރާމްތައް ރާވައި ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ބައްދަލުވުމުއް އައްޑޫ ސިޓީ ކައުންސިލުން ބާއްވައިފި އެވެ.
ކައުންސިލް އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމުގައި އައްޑޫގެ ސްކޫލްތަކުގެ ވެރިންނާއި، ދީނީ އިލްމްވެރިންގެ އިތުރުން ދީނީ ހޭލުންތެރިކަން އުފެއްދުމަށް ހަރަކާތްތެރިވާ ޖަމްއިއްޔާ ޖަމާއަތްތަކުގެ ބޭފުޅުން ބައިވެރިވެލެއްވި އެވެ.
މި ބައްދަލުވުމުގައި ކޮންމެ އަހަރަކު ވެސް ބާއްވަވަމުން ގެންދާ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމާއި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތައް އާ ޚިޔާލާ އެކު ތަފާތު ގޮތަކަށް ގެންދިޔުމަށް ފެންނަ ކަމަށް ބައްދަލުވުމުގެ ބައިވެރިން ހުށަހެޅުއްވި އެވެ.
ކޮންމެ އަހަރަކު ވެސް ހަމަ އެއް ގޮތަކަށް އެއް ކަމެއް ކުރުމުގެ ބަދަލުގައި ސްކޫލުތަކުގެ ދަރިވަރުންނާއި ޒުވާނުންނާއި އާންމުން ޝައުގުވެރި ވާނެ ތަފާތު ގޮތްތަކަކަށް ރާވައިގެން ކުރިއަށް ގެންދިޔުމުގެ މުހިއްމު ކަމުގެ މައްޗަށް ބައިވެރިން ޚިޔާލު ފާޅު ކުރެއްވި އެވެ.
މިގޮތުން ދީނީ ފޯރަމްތައް ބޭއްވުމާއި، އަސުރު ނަމާދަ ށްފަހު ބޭއްވޭ ދަރުސްތައް ޚާއްސަ ކުރެވޭ ދުވަސްތަކެއްގައި ވަކި ސްކޫލެއްގެ ކުދިންގެ ހިތުގައި ދީނީ ގޮތުން އުފެދޭ، ނުވަތަ އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެވޭ ސެޝަނެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމާއި، ފޯކަސް ގްރޫޕްތަކަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމްތަކެއްގެ އިތުރުން އާންމުން އެއްވާ ތަންތަނުގައި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުން ހިމެނެ އެވެ.
މި އަހަރުގެ އިހުޔާ ޕްރޮގްރާމް ކުރިއަށްގެން ދާނެ ގޮތް ރޭވުމަށްޓަކައި ހިންގާ ކޮމިޓީއެއް މިއަދުގެ ބައްދަލުވުމުގައި ހޮވާފައިވެ އެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަ ވަނީ ސްކޫލްތަކުގެ ވެރިންގެ ތެރެއިން ދެ ބޭފުޅަކާއި، ދީނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރެއިން ދެ ބޭފުޅުންގެ އިތުރުން އިލްމުވެރިންގެ ތެރެއިން ދެ ބޭފުޅުންނެވެ.
މިފަދަ ޕްރާގްރާމްތައް ހިންގުމުގައި އައްޑޫގައި އުފެދިފައިވާ ތަފާތު ޖަމްއިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުން ލިބިގެން ދިޔުމަކީ މިފަދަ ކަންކަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.