Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ޔާމީން ކާމިޔާބު ކުރާނީ 52 ޕަސެންޓުން: ނިހާން

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން - ފޮޓޯ: ސަން

މސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 52% ގެ އަޣްލަބިއްޔަތަކުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކާމިޔާބު ކުރައްވާނެ ކަމަށް ވެރިކަންކުރާ ޕީޕީއެމްގެ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ނިހާން ވިދާޅުވީ ހިސާބު ޖަހާނެ ގޮތަކަށް ޖަހާ، ނެރޭނެ ވަރަކަށް ކެންޑީޑޭޓުންނާއި ރަނިންމޭޓުން ވެސް ނެރެންވީ ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ދެން ތަރައްޤީ އަށް ނޫނީ އާއެކޭ ނުބުނާނެ ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން 52% އިން ކާމިޔާބު ކުރައްވާނެ ކަމަށް ނިހާންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ނިހާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފާއިތުވި 13 އަހަރު ޑިމޮކްރެސީގެ ނަމުގައި އެމްޑީޕީ އިން ދިވެހި ރައްޔިތުންނަށް ގެނެސްދިނީ ގެއްލުމާއި ހަލާކު ކަމަށެވެ.

އަދި ފާއިތުމިވާ ފަސް އަހަރު ދިވެހި ގައުމު ޕީޕީއެމްއާއި ރައީސް ޔާމީން ތަރައްޤީކުރި މަންޒަރު ދިވެހިން ލޮލުން ދެކި އަތުން ހިފާފައިވާނެ ކަމަށްވެސް ނިހާން ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމުން އެޕާޓީގެ ރިޔާސީ ކެމްޕޭން ފަށާފައިވާއިރު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ރައީސް ޔާމީން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ 52 އިންސައްތަ ވޯޓުން ކަމަށް ނިހާން ވިދާޅުވި ނަމަވެސް އިދިކޮޅު ޕާޓީތަކުން އެއްބަސްވެފައި ވަނީ އެއް ކެންޑިޑޭޓަކު ނެރެ، އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް ޔާމީން ބަލިކުރުމަށެވެ.