Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ހައްޔަރު ކުރާއިރު ޔުނިފޯމް އަޅަން ނުޖެހޭ ގޮތް ހަދަނީ

ލިންކް ރޯޑުގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ. އައްޑޫލައިވް ފައިލް ފޮޓޯ.

މީހުން ހައްޔަރު ކުރާއިރު ފުުލުހުން ޔުނިފޯމްގައި ތިބެންޖެހޭ ގޮތަށް ޖިނާއީ އިޖްރާއަތުގެ ޤާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (ރ) ގައި މިހާރު ބަޔާންކޮށްފައި ވާގޮތުން މީހުން ހައްޔަރު ކުރަން ޖެހެނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދައާ އެކު، ޔުނިފޯމް އެޅި ފުލުހެކެވެ.

މީގެ ސަބަބުން ޔުނިފޯމް ނާޅައި ތިބެ ބައެއް މީހުން ހައްޔަރު ކުރުމުން އެ މީހުން ދޫކޮށްލަން ކޯޓުތަކުން ކުރިން އަމުރު ވެސް ކުރި އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފުލުހަކު ޔުނީފޯމް ނާޅާ ހުރެ މީހަކު ހައްޔަރު ކުރުމުން، އެ މީހާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފަ އެވެ.

އުމުރުން 20 އަހަރުގެ އެ ދިވެހި ޒުވާނާ ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެންނެވެ. އަދި އޭނާ ހައްޔަރު ކުރި ވަގުތު ފުލުހުންގެ އޮފިސަރު ހުރީ ޔުނީފޯމް ނާޅާ ކަމަށް ވާތީ، އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރު ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އެވެ.

ޖިނާއީ އިޖްރާއަތުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ހައްޔަރު ކުރާއިރު، ފުލުހުންގެ އޮފިސަރު ހުރީ ޔުނިފޯމްގައި ކަމަށް ނުވާ ނަމަ، އެ މީހަކީ ފުލުހެއް ކަން އަންގައިދޭ ކާޑު ދައްކަން ޖެހޭ ގޮތަށް އަދި އޭނާ އަކީ ކާކު ކަން އަންގައިދޭން ޖެހޭނެ ކަމަށެވެ.

އަދި ހަމަ އެެހެންމެ ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުން ހުއްދަ ހާލަތްތަކުގައި މީހަކު ހައްޔަރު ކުރާ ނަމަ، ހައްޔަރު ކުރުމުގެ ކުރިން ސަބް އިންސްޕެކްޓާ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހޯދުން ލާޒިމް ނުވާ ގޮތަށް ވެސް އެ ބިލްގައި ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

އެކަމަކު އެފަދަ ހާލަތެއްގައި ވެސް މީހަކު ހައްޔަރު ކުރުމަށް ފަހު، ސަބް އިންސްޕެކްޓާ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހަކަށް އެކަން އަންގަން ޖެހޭ ގޮތަށް އެ ބިލްގައި ހިމަނާފައިވެ އެވެ.