Last Updated: June 25, 21:52
Wednesday, June 25, 2025
ޚަބަރު

ނަޝީދަށް ވާދަ ނުކުރެވޭނެ ގާނޫނީ ހަމައެއް ނެތް: މައުމޫން

މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު - ފޮޓޯ: ރާއްޖެއެމްވީ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް މަޝްހޫރު ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

މައުމޫން ހަމީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެގޮތުން ރައީސް ނަޝީދުގެ ކެންޑިޑޭސީ އާއި ގުޅިގެން 2013 ވަނަ އަހަރު ކުރައްވާފައިވާ ޓްވީޓެއް މިއަދު އަލުން ރީޓްވީޓް ކުރައްވަމުން މައުމޫން ހަމީދު ވިދާޅުވީ ނަޝީދުގެ ކެންޑިޑެސީ އާމެދު ދެކެނީ މީގެ ފަސް އަހަރު ކުރިންވެސް ދެކުނު ގޮތަށް ކަމަށެވެ. އެއީ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތް ހަދާފައިވަނީ އެއްވެސް ގާނޫނީ ހަމައަކުން ނޫން ކަމަށާއި، ޣައިރު ގާނޫނީ ބާރުތަކެއްގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މަޝްހޫރު އަދި މީހުންގެ ތެރޭގައި މަޤްބޫލް އިދިކޮޅު ފަރާތްތަކަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެހެން ސިޔާސީ ޝަރީއަތްތައް ހިންގައި، ހަމަތަކަށް ނުފެތޭ ގޮތަށް ގާނޫނުތަކަށް ގެންނަ ބަދަލުތަކަކުން ކުރާ ކަންކަން ވެގެންދާނީ ވޯޓްލާ މީހުންގެ ހިތުގައި ނުތަވަސްކަން އުފެދިގެންދާނެ ކަމެއް ކަމަށެވެ.

މައުމޫން ހަމީދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވިދާޅުވީ މީގެ ފަަސް އަހަރު ކުރިން ނަޝީދުގެ ސަޕޯޓަރުންގެ ގޮތުގައި އެއްލައްކައަށް ވުރެ ގިނަ މީހުން ތިބި ކަމަށެވެ.

އެހެންކަމުން ނަޝީދާއި އިދިކޮޅު ފަރާތްތަކުން އިންތިޚާބުގައި ކާމިޔާބު ހޯދަން ވާނީ އިންސާފުވެރި ވޯޓަކުން ކަމަށެވެ.

އަދި އިންސާފުވެރި އިންތިޚާބަކަށް ފުރުސަތު ނުދީ އެފަދަ ފަރާތްތަކަށް ވެރިކަން ކުރުމުގެ ޙައްޤު ލިބެނީ ކިހިނަކުންތޯ ސުވާލު ކުރައްވަމުން މައުމޫން ހަމީދު ވިދާޅުވީ އަސްލު އެފަދަ ފަރާތްތަކަށް ވެރިކަން ކުރުމުގެ ޙައްޤު ލިބިގެންނުވާ ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ ވޯޓް ލާ ފަރާތްތަކުން ބޭނުންވާ ގޮތަށް ކަންތައް ނިންމުމުގެ އިޚްތިޔާރު ދެއްވާ ރައްޔިތުންގެ ނިންމުން ޤަބޫލުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.