Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

އިންތިހާބުގައި ތާއީދު ކުރާނީ ޔާމީނަށް: އަލްހާން

އަލްހާން ފަހުމީ - ފޮޓޯ: ސަން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހިގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އަލްހާން ވިދާޅުވެފައި ވަނީ ފުންކޮށް ވިސްނާ ފިކުރުކޮށް ކަމުގެ އެތެރެއާއި ބޭރު އެނގިހުރެ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އަށް ތާއީދުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި ކުރިއެރުން ޔަޤީންކޮށްދެވޭނީ އަމިއްލަ ސިޔާސީ ބޭނުމަށް ޤައުމް ބަހަން އެއްބަސްނުވާ ވެރިއަކަށް"، އަލްހާން ކުރެއްވި ޓްވީޓްގައި ވެއެވެ.

އަލްހާން އެމްޑީޕީން ވަކިކުރީ އެޕާޓީއަށް ގެއްލުންވާ ގޮތަށާއި އެ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 50 މެމްބަރަކު ސޮއިކޮށް މައްސަލަ ހުށަހެޅުމުންނެވެ. އެކަމާއި ގުޅިގެން އަލްހާން ވިދާޅުވީ ނަޝީދާ ނުލައި، ޕްރައިމަރީގައި ވާދަ ކޮށްފި ނަމަ އޭނާ ރިިޔާސީ ޓިކެޓް ހޯދާނެ ކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ވަކިކުރީ އެހެން ވެގެން ކަމަށެވެ.