Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

7 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި

އިންޑިއާގެ ކުށްތަކާއި ބެހޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ 13 މިނެޓެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރޭ - ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ މަދްޔަ ޕްރަދޭޝްގައި ހަތް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މި މައްސަލައާއި ގުޅިގެން އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މަގުމަތީގައި ނުރުހުންތެރިކަން ފާޅުކުރުމުގެ ގޮތުން މުޒާހަރާކޮށް، އެ ކުޑަކުއްޖާ އަށް އިންސާފް ހޯދައިދިނުމަށް ގޮވާލަމުންނެވެ.

މި މައްސަލާގައި މިހާތަނަށް ދެ ފިރިހެނުން ހައްޔަރުކޮށްފައި ވާއިރު، އެ އަންހެން ކުއްޖާ އަށް ލިބުނު އަނިޔާތަކުގެ ސަބަބުން އެކުއްޖާ އަށް ދަނީ އަދިވެސް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

އިންޑިއާގެ ފުލުހުން މަޢުލޫމާތު ދޭގޮތުގައި އެ ކުޑަ އަންހެން ކުއްޖާ ސްކޫލް ކައިރިން ވަގަށް ނަގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ވެސް ވަނީ އެކުއްޖާ ރޭޕްކުރުމުގައި ބައިވެރިވި އެންމެންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލާފައެވެ.

އެގޮތުން ޝިވްރާޖް ސިންގް ޗޯހަން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވީ އެފަދަ ކުށްކުރާ "ހައިވާނުން" އަކީ "ދުނިޔެއަށް ބޮޑު އުނދަގުލެއް" ކަމަށާއި އެމީހުންނަށް "ދިރިހުރުމުގެ ޙައްޤު ލިބިގެން ނުވާ" ކަމަށެވެ.

މީގެ އިތުރުން މި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންނަށް ކޯޓްގައި ވަކާލާތުކޮށްދިނުމަށް ދައުލަތުގެ ވަކީލުން ވެސް ވަނީ އިންކާރުކޮށްފަ އެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އެ އަންހެން ކުއްޖާގެ މިހާރު ރަނގަޅު ކަމަށާއި އެހެންނަމަވެސް އޭނާ އަށް ލިބުނު އަނިޔާތައް ރަނގަޅުވާން ވަގުތު ނަގާނެ ކަމަށެވެ.