ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުވެ ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނެރުމަށް ނިންމުން ރައީސް ޔާމީން މިހާރު ހުންނަވާނީ ބިރުން ސިހި ސިހި ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އިބޫ އާއި އެކު ރަނިންމޭޓަކަށް އިދިކޮޅުން ނެރުމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަކާލާތު ކުރަމުންދާ އަލީ "ރާއްޖެޓީވީ" ފަލަ ސުރުޚީގައި ވާގަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ވިހި ފަސެންޓްވެސް ލިބިވަޑައިނުގަންނަވާނެކަމަށެވެ.
އަލީ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަބަދުވެސް ރައްޔިތުންނަށް ދިން އުއްމީދަކީ އެއް ކެންޑިޑޭޓު ނެރެ ބަލި ކުރުން ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ 80 ޕަސެންޓް ބޭނުންވަނީ ރައީސް ޔާމީން ބަލިކޮށް މަގާމުން ދުރުކުރުން ކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީން ރައީސް ކަމަށް ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވަނީ އެމްޑީޕީންނެވެ. އަދި ރަނިންމޭޓުގެ ސްލޮޓު ދެނީ ޖޭޕީއަށެވެ. އެމްޑީޕީންވަނީ އެޕާޓީގެ ކޮންގްރެސްގެ އިއްތިފާގުން އިބޫ ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައަޅާފައެވެ.
އަލީ ވިދާޅުވީ ޖޭޕީން ރަނިންމޭޓަކު ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. އަދި އެކަން ކަނޑައެޅިފައިވާ މުއްދަތުގައި ކުރާނެކަމަށެވެ. ޖޭޕީ ތެރޭގައި ރަނިންމޭޓަކަށް ހަމަޖެއްސުމަށް ވާހަކަ ދެކެވެނީ އަލީގެ އިތުރުން އެޕާޓީގެ ނައިބްލީޑަރ ޑރ. މައުސޫމްއެވެ.
ރައީސް ޔާމީނަށް 20 ޕަސެންޓް ވޯޓުވެސް ނުލިބޭނެކަމަށް އަލީ ވިދާޅުވިއިރު ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހަސަަން މަނިކު ވިދާޅުވީ ރައީސް ޔާމީން އިންތިހާބް ކާމިޔާބު ކުރައްވާނީ 52 ޕަސެންޓު ހޯއްދަވައިގެންކަމަށެވެ.