އެމެރިކާއިން ނެރެފައިވާ ހިއުމަން ޓްރެފިކިންގް ވޮޗް ލިސްޓަށް އެ ލިސްޓުން އުނިވެފައި އޮތުމަށްފަހު އަނެއްކާވެސް ރާއްޖެ އަރައިފިއެވެ.
މި ފަހަރު އެ ލިސްޓަށް ރާއްޖެ ގެންނަން ޖެހުނީ އެފަރާތުން ބަލާ ފެންވަރު ރާއްޖޭގައި ނެތުމުން ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެކި ލެވެލްތަކެއް އޮންނަ މި ލިސްޓްގައި ރާއްޖެ އޮތީ ދެވަނަ ލެވެލްގައެވެ. ކުރިން ލިސްޓްގައި ހިމެނުނު އިރުވެސް ރާއްޖެ ހިމެނުނީ ހަމަ ދެވަނަ ލެވެލްގައެވެ.
އެ ބަޔާން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން ނެރެފައިވަނީ މިއަދެވެ.
މިދިޔަ އަހަރު ރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގެ ދަށުން ހިއުމަން ޓްރެފިކްގެ ކުށް ކުރާ މީހުން ހޯދާ އެކަމަށް ފިޔަވަޅު އަޅާފައިވާތީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓިން ވަނީ މިދިޔަ އަހަރު އެލިސްޓުން ރާއްޖޭގެ ނަން ނަގާފައެވެ. ނަމަވެސް މިއަހަރު އަނެއްކާ ރާއްޖެ މިވަނީ އެލިސްޓަށް އަލުން ލާފައެވެ. މިފަހަރު ލާން ޖެހުނު ސަބަބަކީ ރާއްޖޭގެ ސަރުކާރުން މިކަމަށް ފަރުވާ ކުޑަކޮށްފައިވާތީ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އެ ލިސްޓަށް ލެވުނު ސަބަބުގެ އިތުރަށް ތަފްސީލަށް ބަލާލަމުން ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ ތެރެއަށް ގެއްލިފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ރާއްޖެއިން ނުކުރާ ކަމަށެވެ. އަދި އެމީހުންނަށް އެއްވެސް ވަރަކަށް އަޅާނުލާ ކަމަށް ވެސް ބުނެފައިވެއެވެ. ހަމަ އެގޮތުން އެމީހުން ބޭނުންވާ ބޯހިޔާވެހިކަމާއި، ތަރުޖަމާނުން އަދި ސައިކޮލޮޖިސްޓުންގެ އިންތިޒާމް ހަމަނުޖައްސާ ކަމަށްވެސް ފާހަގަ ކުރައްވާފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަރުކާރުން އިތުރަށް ފަރުވާކުޑަކޮށް، ހިއުމަން ޓްރެފިކިންގ މައްސަލަތައް އިތުރުވާކަމަށް ވަނީނަމަ ރާއްޖޭއާއި މެދު ފިޔަވަޅު އަޅަން ޖެހޭނެއެވެ.
ގާނޫނާއި ޚިލާފަށް ދިރިއުޅެމުންދާ ގިނަ ބިދޭސީން ރާއްޖޭގައި އުޅެއެވެ. އެފަދަ މީހުން ހޯދާ ޑީޕޯޓް ކުރުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ފުލުހުން ކުރިޔަށް ގެންދެއެވެ. އެގޮތަށް ގިނައިން އުޅެމުންދާ ކަމަށް ބެލެވެނީ ބަންގްލަދޭޝް މީހުންނާއި އިންޑިއާ މީހުންނެވެ.