ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަގެ ޚިދުމަތް މިއަދު ތައާރަފުކޮށްފި އެވެ.
މިއީ މުޅިން އަލަށް ބޭންކުން ތައާރަފް ކުރެވުނު ޚިދުމަތެކެވެ.
ބީއެމްއެލް އިން ބުނާ ގޮތުގައި އެ ހިދުމަތް ތައާރަފުވުމާއެކު މިހާރު މޯބައިލް ފޯނު މެދުވެރިކޮށް ލުއި ފަސޭހަކަމާ އެކު ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ އެވެ.
ބީއެމްއެލް އިން ކަސްޓަމަރުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓެކްނޮލޮޖީ އަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ތައާރަފްކުރެވުނު އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތް ލިބޭނީ ބީއެމްއެލް މޮބައިލްޕޭ އެޕް މެދުވެރިކޮށް ކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ މިހާރު ގޭގައި ނުވަތަ ކޮންމެ ތާކު ހުންނަވައިގެންވެސް ދަރިފުޅުގެ ޔުނިވަރސިޓީ ފީ ދެއްކުމަށާއި ބޭރުގައި ބޭސްފަރުވާކުރުމަށް ދާ ޚަރަދުތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރައްވާ އެތައް ހާސް ބިދޭސީންނަށްވެސް މި ޚިދުމަތް މަގްބޫލް ޚިދުމަތަކަށް ވެގެންދާނެ ކަމަށްވެސް މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ މޮބައިލް ޕޭ އެޕް މެދުވެރިކޮށް ދުވާލަކު 3000 ޔޫއެސް ޑޮލަރާ ހަމައަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. ފަސޭހަކަމާއެކު ބީއެމްއެލް މޮބައިލްޕޭ އެޕް ޑައުންލޯޑް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެޕް ޑައުންލޯޑް ކުރުމަށްފަހު ރަޖިސްޓަރ ކޮށްގެން ރާއްޖެއިން ބޭރުގެ ކޭޝް އެޖެންޓަކަށް، ބޭންކް އެކައުންޓަކަށް ނުވަތަ މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭ ގައުމުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް ވޮލެޓަކަށްވެސް ފައިސާ ފޮނުވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި އެޕްގެ ސަބަބުން އެ ބޭންކުގެ ޚިދުމަތް ހޯދަމުންދާ ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބޭންކުން ގަބޫލުކުރެއެވެ.
މިއަދު ފެށި ހިދުމަތާއެކު، ތައުލީމު ހާސިލުކުރުމަށާއި ބޭސްފަރުވާ ކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ދިވެހިން ދަތުރު ކުރާ ގިނަ ގައުމުތަކަކަށް ފައިސާ ފޮނުވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ފައިސާ ފޮނުވުމުގެ ޚިދުމަތުގެ އަގު ފެށެނީ 5 ޔޫއެސް ޑޮލަރުންނެވެ. އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތުގެ އަގު ވެގެންދާނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ އެންމެ ހެޔޮ އަގަށް ކަމަށް ބޭންކުން ބުނެއެވެ. އަދި އާންމުކޮށް ފައިސާ ފޮނުވާއިރު ޕްރޮސެސްކުރުމަށް ނަގާ ވަގުތަށްވުރެ އަވަހަށް އެ ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިއީ މިފަދަ ޚިދުމަތަކަށް ބޭނުންވެފައި ތިބި ބީއެމްއެލްގެ އެތައް ހާސް ކަސްޓަމަރުންނަށް ލިބިގެންދިޔަ އުފާވެރި ޚަބަރެކެވެ.