Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މެކްސިކޯގެ އިންތިހާބު އޮބްރާދޯ ކާމިޔާބުކޮށްފި

މެކްސިކޯގައި ބޭއްވި ރިޔާސީ އިންތިޚާބު ވަގުތީ ނަތީޖާ ދައްކާ ގޮތުން ވާތުފިޔައިގެ ކެންޑިޑޭޓް އަންދްރެސް މެނުއެލް ލޮޕެޒް އޮބްރާދޯ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ.

ވަގުތީ ނަތިޖާ ދައްކާ ގޮތުން އޮބްރާދޯ ވަނީ 53 އިންސައްތަ ވޯޓު ހޯދައިފަ އެވެ. އޮބްރާދޯއާ އެންމެ ގާތުން ނޭޝަނަލް އެކްޝަން ޕާޓީން ވާދަ ކުރި ރިކާޑޯ އަނާޔާ އަށް ލިބިފައި ވަނީ އިންސައްތަ ވޯޓެވެ.

އޮބްރާދޯގެ މި ކާމިޔާބީއާ އެކު އެ ގައުމުގެ މިހާރުގެ ރައީސް އެންރިކް ޕެނާ ނީތޯ ވަނީ އޭނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ސަރުކާރާ ހަވާލުވެ ބަދަލުތައް ގެނައުމުގައި އެހީވާނެ ކަމަށް ވެސް ވަނީ ވައުދުވެފަ އެވެ.

އޮބްރާދޯ ރައީސްކަމުގެ ހުވާ ކުރާނީ އަންނަ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހު އެވެ.

ކާމިޔާބީއަށް ފަހު އޭނާގެ ސަޕޯޓަރުންނަށް އޮބްރާދޯ ވިދާޅުވީ އެމެރިކާ އަށް ހިޖުރަކޮށްގެން ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި އެމެރިކާ އާއި މެކްސިކޯއާ ދެމެދު އާ ގުޅުމެއް އުފައްދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި އެ ގައުމުގެ އެތެރޭގެ އުފެއްދުންތައް ވަރުގަދަކޮށް ރައްޔިތުންނަށް އަމިއްލަ ގައުމުގައި މަސައްކަތްކޮށް އުފަލުގައި އުޅެވޭނެ ގޮތް ހޯއްދަވައި ދެއްވާނެ ކަމަށް އޮބްރާދޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހިޖުރަ ކުރުމަކީ އެ މީހެއްގެ އަމިއްލަ އިހުތިޔާރުގައި އޮންނަން ޖެހޭ ކަމެއް ކަމަށާއި އެކަން އެއީ ޒަރޫރީ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އޮބްރާދޯ ވަނީ އެ ގައުމުގެ އިންތިހާ އަށް ބޮޑުވެފައިވާ ހަމަނުޖެހުންތަކާއި ކޮރަޕްޝަން ނައްތާލާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ ގައުމުގައި ކުރިއަށްދާ ހަމަނުޖެހުންތަކާއި ކޮރަޕްޝަންގެ އަމަލުތަކަކަކީ ގައުމުގެ ސިޔާސީ ކަންކަން ގޯހުން ގޯހަށް ގޮސްފައިވާތީ ކުރިމަތިވެފައިވާ ކަންކަން ކަމަށެވެ.