Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

މަހުލޫފްގެ 3 ސުވާލެއް ނިހާނަށް

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީިން އަބުދުލްގައްޔޫމް 52 ޕަސަންޓުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވުމުން، އެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ރައްދު ދެއްވައި 3 ސުވާލު އަމާޒު ކުރައްވައިފިއެވެ.

މަހްލޫފްގެ 3 ސުވާލު ނިހާނަށް އަމާޒު ކުރެއްވީ މިއަދު އޭނާގެ ޓްވިޓާ މެދުވެރިކޮށް ކުރެއްްވ ޓްވީޓެއްގައެވެ.

ރިޔާސީ އިންތިޚާބަށް ހުރިހާ ޕާޓީއަކުން މިސްރާބު ޖަހާފައިވާ މި ދަނޑިވަޅުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަމާޒުކޮށް ތަފާތު ވާހަކަ ދައްކަވަން ފައްޓަވާފައިވާ ކަން ފާހަގަކުރެވެއެވެ. އެގޮތުން މަހުލޫފް ނިހާނަށް ރައްދު ދެއްވާފައިވަނީ ރައީސް ޔާމީން އިންތިހާބު 52 ޕަސެންޓުން ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީން އިންތިހާބު 52 ޕަސެންޓުން ކާމިޔާބު ކުރައްވާނެކަން ޔަގީންވާނަމަ އަވަހަށް އިންތިހާބު ބާއްވަން ގޮވާލާ ކަމަށް މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މަހުލޫފް ކުރެއްވި ޓްވީޓްގައި އިތުރަށް ވަނީ ނިހާނާ ތިން ސުވާލެއް ކުރައްވާފަ އެވެ. އެގޮތުން އެމްޕީ އަޙުމަދު ނިހާން ކައިރިން 23 ސެޕްޓެމްބަރުގައި އިންތިޚާބު އޮންނާނެތޯ ޔަގީން ކޮށްލައްވަން ބޭނުންވެލައްވާ ކަމަށް ސުވާލު ކުރައްވާފައިވެއެވެ. އެއީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އެޕާޓީގެ ޕާލިއަމަންޓް ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ނަން ވޯޓް ކަރުދާހުގައި އޮންނާނެތޯ ވެސް ސުވާލު ކުރައްވާފައިވެއެވެ. މީގެ އިތުރުން 3 ވަނަ ސުވާލެއްގެ ގޮތުން ގާނޫނު އަސާސީގައިވާ ގޮތަށް ވޯޓުލާ މަރުކަޒުގައި ވޯޓު ގުނައި ނަތީޖާ އިއުލާން ކުރާނަންތޯ ވެސް ސުވާލު ކުރައްވާފައިވެއެވެ.

ނިހާން ވިދާޅުވި ވާހަކައަށް އިދިކޮޅު ފަރާތްތަކުން ރައްދު ދެއްވަމުން ގެންދަވައެވެ. ރިޔާސީ ކޯޅުމުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަމާޒު ކުރައްވާ މަލާމާތް ކުރެއްވުމާއި، ބަހުގެ ހަމަލާތައް ދެއްވުމާއި، އަދި ހަޖޫ ޖެއްސެވުން މިއީ އާންމު ކަންތަކެވެ.