ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ކުރި އަދުލު އިންސާފު ޤާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފަށް ހުށައަޅައިފި އެވެ.
މައުމޫންގެ ގާނޫނީ ވަކީލުން ވަނީ މިކަން ޔަގީންކޮށްދެއްވާފައެވެ.
ރައީސް މައުމޫންގެ މައްޗަށް މިދައުވާ އުފުލީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ އެމަނިކުފާނު ހައްޔަރުކުރުމަށްފަހު ފޯނު ދޭން އެދުމުން ފޯން ދިނުމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެވެ.
އެމަނިކުފާނަށް ދީފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ އާއި ދީނީ ފަތަވާ ދިނުމުގެ ހުއްދަވެސް ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް މިއީ ދައުލަތުން ކުރި ދައުވާގައި ހިމެނޭ ކަމެއް ނޫންކަން ފާހަގަކޮށްލެވެއެވެ.
ރައީސް މައުމޫންގެ އިތުރަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބުދުﷲ ސައީދާއި، ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް އަލީ ހަމީދުގެ މައްޗަށްވެސް އަދުލު އިންސާފު ޤާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ވަނީ ޙުކުމްކޮށްފަ އެވެ. އެ ދެ ބޭފުޅުންގެ ފަރާތުން ވެސް އެ ޙުކުމް ވަނީ އިސްތިއުނާފަށް ހުށައަޅައިފަ އެވެ.
ރިޝްވަތު ނަގައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ރައީސް މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފަ އެވެ. ނަމަވެސް ރައީސް މައުމޫން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވަމުންނެވެ.