ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޝޫރެންސްގެ ހިދްމަތް ފޯރުކޮށް ދެމުން އަންނަ އަމަނާ ތަކަފުލްގެ އޮޕަރޭޝަން ރަސްމީކޮށް އައްޑޫގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އަމަނާ ތަކަފުލްގެ ސީނިއާ ސޭލްސް އެގްޒެކެޓިވް އަބްދުﷲ މުރުޝިދް ވިދާޅުވީ އައްޑޫގައި އެ ކުންފުނިން ރަސްމީކޮށް ހިދްމަތް ފަށަން ނިންމީ ދާދި އަވަހަށް އައްޑޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއަބީ)ގެ ގޮތްޕެއް ހުޅުވުމަށް ތައްޔާރު ވަމުން އަންނާތީ އާއި އައްޑޫގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ ކަސްޓަމަރުން ތިބުމާއި ގުޅިގެންނެވެ.
"އަޅުގަނޑުމެން އެބަޖެހޭ އެމްއަބީ ހުޅުވާ އިރަށް ތަކަފުލްގެ ހިދްމަތް އައްޑޫގައި ފޯރުކޮށް ދެވެން ހުންނަން. އަނެއް ކޮޅުން އައްޑޫގައި އެބަތިބި ތަކަފުލްގެ ކަސްޓަމަރުން. އެ ފަރާތަކަށް އައްޑޫއިން ހިދްމަތް ލިބެން ހުންނަން އެބަ ޖެހޭ،" މުރުޝިދު ވިދާޅުވި އެވެ.
މުރުޝިދު ވިދާޅުވީ މީގެ ކުރިން ވެސް އެޖެންޓެއް މެދުވެރިކޮށް ތަކަފުލްގެ ހިދްމަތް އައްޑޫގައި ފޯރުކޮށް ދެމުން ގެސްގޮސްފައިވާ ކަމަށެވެ. ނަމަވެސް ތަކަފުލް އާ ބެހޭ މާބޮޑު ތަފްސީލެއް އާއްމު ކަސްޓަމަރުންނަށް އެނގިފައި ނުވާ ކަމަށް މުރުޝިދް ވިދާޅުވި އެވެ.
ތަކަފުލް އިން ބުނީ އައްޑޫގައި ރަސްމީކޮށް ހިދްމަތް ފޯރުކޮށް ދިނުމަށްޓަކައި ބޭނުންވާ މުވައްޒަފުން ހޯދުމަށް މިހާރު އިއުލާން ކޮށްފައިވާ ކަމަށާއި މެއި މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އައްޑޫގައި މިހާރުވެސް އިންޝޫރެންސް ދެ ކުންފުންޏެއްގެ އޮފީސް ވަނީ ގާއިމް ކޮށްފަ އެވެ. އެގޮތުން ސިލިންކޯ އިންޝޫރެންސާއި އެލައިޑް އިންޝޫރެންސްގެ އޮފީސް ވަނީ ގާއިމް ކޮށްފަ އެވެ.