އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނުކުންނަ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ޕަޕެޓަކަށް" ކަމަށް ވެރިކަން ކުރާ ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ކޮންމެ މީހަކު އިންތިޚާބަށް ނުކުމެވަޑައިގަތަސް ހިނގާނީ ނަޝީދުގެ ބާރު ކަމަށާއި އިބޫ ވެސް ވާނީ، ނަޝީދުގެ "ޕަޕެޓަކަށް" ކަމަށާއި އަމިއްލަަ އިޚުތިޔާރުގައި އެއްވެސް ކަމެއް ކުރެއްވުމުގެ ބާރު ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ.
އަދި ރައީސްކަމަށް އިންތިޚާބު ވުމަށް ފަހު، އިބޫގެ މަސައްކަތަކަށް ވާނީ ނަޝީދު މިނިވަންކޮށް، ދެން އޮތް އިންތިޚާބުގައި އެ މަނިކުފާނަށް ކުރިމަތިލެއްވޭ ގޮތް ހޯދައި، ފުރުސަތު ދިނުން ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އެމްޑީޕީގެ މެނިފެސްޓޯ ގައި ވަނީ ރިޔާސީ އިންތިޚާބަށް ފަހު ދޮޅު އަހަރަށް އެއްބައިވަންތަ ކަމުގެ ސަރުކާރެއް ޤާއިމް ކުރުމަށް ހިމަނާފައެވެ. އެކަމާއި ބެހޭގޮތުން އަދުރޭ ވިދާޅުވީ، ދޮޅު އަހަރުގެ ސަރުކާރެއް އެކުލަވައިލަން އެމްޑީޕީން ނިންމީ، އިބޫ އަށް ނަޝީދު އިތުބާރު ނުކުރައްވާތީ ކަމަށެވެ.
ޕީޕީއެމްގެ ފިކުރަކީ ބިނާކުރުންކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ފެނުނީ ހުސް ފަނާކުރުމާއި ތަޅާފޮޅުމާއި މުޒާހަރާ ކުރުން ކަމަށެވެ.
އަދި ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާ، މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބަލިކުރެއްވޭނެ ފަދަ ކެންޑިޑޭޓެއް އިދިކޮޅު ކޯލިޝަނަށް ނުދެއްކޭނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އިދިކޮޅުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާން އެންމެ ރަނގަޅު ކެންޑިޑޭޓަކީ އިބޫ ކަމަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވަނީ ކުރިން ވިދާޅުވެފައި ވީނަމަވެސް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވެސް ވަނީ އިބޫ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެގޮތުން ނިހާން ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ބަޔާން ދިރާސާކޮށް، އެއަށް ޖަވާބުދާރީ ވުމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އިބޫގެ ޒިންމާއެއް ކަމަށާއި އެކަމަކު މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ޒިންމާ އޭނާ އަދާ ނުކުރައްވާ ކަމަށެވެ. އަދި ވެރިކަން ކުރަން ނުކުމެވަޑައިގަންނަވާއިރު، އެ އަށް ވުރެ ބޮޑަށް ޒިންމާދާރުވެ، ކަންކަމާ ކުރިމަތިލާން ޖެހިވަޑައިގަންނަވާ ކަމަށް ނިހާން ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސް ގައި ވާހަކަ ދައްކަވަމުން އިބޫ ރޭ ވިދާޅުވީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށާއި ހިޔާލު ތަފާތު މީހުންނާ އެކު ވެސް އުޅުއްވޭނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫ އަށް ދިނީ އެ ޕާޓީގެ ޕްރައިމަރީ މިއަހަރު ކާމިޔާބުކުރެއްވި ރައީސް ނަޝީދަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ކުރިމަތިލުމަށް ފުރުސަތު ލިބިއްޖެނަމަ އިބޫގެ ނަން އަނބުރާ ގެނެސް އެ ފުރުސަތު ރައީސް ނަޝީދަށް ދޭން އެއްބަސްވާ ގޮތަށެވެ.