Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަން އޮންނާނެ: ނިހާން

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު - ފޮޓޯ: ގޫގުލް

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނާއި ރަނިންގް މޭޓުންގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވީ ޓްވިޓާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އޭނާއަށް އަމާޒް ކުރެއްވި ތިން ސުވާލަށް ޖަވާބު ދެއްވަމުން ކުރެއްވި ޓްވީޓެއްގަ އެވެ.

އެގޮތުން މަހުލޫފް ނިހާނަށް ރައްދު ދެއްވާފައިވަނީ ރައީސް ޔާމީން އިންތިޚާބު 52 ޕަސެންޓުން ކާމިޔާބު ކުރައްވާނެކަމަށް ނިހާން ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީން އިންތިޚާބު 52 ޕަސެންޓުން ކާމިޔާބު ކުރައްވާނެކަން ޔަގީންވާނަމަ އަވަހަށް އިންތިހާބު ބާއްވަން މަހުލޫފް ވަނީ ގޮވާލައްވާފަ އެވެ.

މީގެ އިތުރުން މަހުލޫފް ކުރެއްވި ޓްވީޓްގައި ވަނީ ނިހާނާ ތިން ސުވާލެއް ކުރައްވާފަ އެވެ. އެގޮތުން އެމްޕީ އަޙުމަދު ނިހާން ކައިރިން 23 ސެޕްޓެމްބަރުގައި އިންތިޚާބު އޮންނާނެތޯ ޔަގީން ކޮށްލައްވަން ބޭނުންވެލައްވާ ކަމަށް ސުވާލު ކުރައްވާފައިވެއެވެ. އެއީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އެޕާޓީގެ ޕާލިއަމަންޓް ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ނަން ވޯޓް ކަރުދާހުގައި އޮންނާނެތޯ ވެސް ސުވާލު ކުރައްވާފައިވެއެވެ. މީގެ އިތުރުން 3 ވަނަ ސުވާލެއްގެ ގޮތުން ގާނޫނު އަސާސީގައިވާ ގޮތަށް ވޯޓުލާ މަރުކަޒުގައި ވޯޓު ގުނައި ނަތީޖާ އިއުލާން ކުރާނަންތޯ ވެސް ސުވާލު ކުރައްވާފައިވެއެވެ.

އެ ސުވާލުތަކަށް ރައްދު ދެއްވަމުން ނިހާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނާއި ރަނިން މޭޓުންގެ ނަން ވޯޓު ކަރުދާސް ކޮޅުގައި އޮންނާނެ ކަމަށެވެ.

އަދި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައި ބަޔާންވެފައިވާ ފަދަ މިނިވަން އިންސާފުވެރި ކަން އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭނެ ކަމަށްވެސް ނިހާންގެ ޓްވީޓްގައި ވެއެވެ.