އެމްޑީޕީން އިދިކޮޅު އިއްތިހާދާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނިކުންނަން ތައްޔާރުވަމުން އަންނަ އިރު އެޕާޓީން އެކުލަވާލި މެނިފެސްޓޯ ގައި އަންހެނުން ބޭނުންކުރާ ޕެޑްތަކުން ޓެކްސް ނުނެގުމަށް ވައުދު ވެއްޖެއެވެ.
"މައްސަރު ޓެކްސް" އުވާލުމަށް އަންހެނުންގެ ވަރަށް ގިނަ ބަޔަކު އަޑުއުފުލަމުން އަންނަ އިރު ޕެޑުން ނަގާ ޓެކްސް އަކީ އަންހެނަކަށް ވީތީ ނެގޭ ޓެކްސްއެއް ކަމަށް ބައެއް މީހުން ބުނެއެވެ. އަދި "މައްސަރު ޓެކްސް" އަށް ނިމުމެއް ގެނެސް، އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ނޫ އިގްތިސޯދުގެ ނަމުގައި ޓެކްސްގެ ނިޒާމު ހަރުދަނާ ކުރުމަށް ވައުދުވެފައިވެއެވެ.
އެމްޑީޕީން ދެކޭ ގޮތުގައި އަންހެނުން ކޮންމެހެން ވެސް ބޭނުން ކުރަން ޖެހޭ ޕެޑްތަކުގެ އިތުރުން މުއާސަލާތީ ޚިދުމަތްތަކާއި ފެރީގެ ޚިދުމަތުން ވެސް ޓެކްސް ކަނޑާލުމަށް މެނިފެސްޓޯގައި ވައުދުވެފައިވެއެވެ.
މީގެ އިތުރުން އިމްޕޯޓް ޑިއުޓީ ކުޑަކުރުމާއި ޖީއެސްޓީއަކީ ފައިސާ ލިބުނީމަ ދައްކާ، ކޭސް ބޭސިސް ޓެކްސްއެއްގެ ގޮތުގައި ހަދާނެ އެވެ. އަދި ކުރިއަށް ދައްކާ އަންދާޒާ ޓީޕީޓީއަކީ އެ ވިޔަފާރީއަކުން އެ އަހަރަކަށް އަންދާޒާކޮށްގެން ދައްކާ އެއްޗަކަށް ހެދޭނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވެއެވެ.