Last Updated: June 6, 09:27
Saturday, June 6, 2026
ޚަބަރު

ސަރުކާރާ އެކު މަޝްވަރާ ކުރަން ނަޝީދު ބޭނުންވޭ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އެކު މަޝްވަރާތައް ކުރަން ބޭނުންފުޅުވާކަމުގެ އިޝާރާތެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވައިފިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިޚާބުގެ ސައްޙަކަން ކަށަވަރު ކުރުމަށް އިދިކޮޅު ފަރާތްތަކާއި އެކު ވާހަކަތަކަށް ދިއުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވިއިރު، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށާއި ސިޔާސީ ހަމަޖެހުން ގާއިމް ކުރުމަށް ހުރިހާ ޕާޓީތަކަށް މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ.

"ދިވެހި ސަރުކާރަށް އަޅުގަނޑު ގޮވާލަން އިންތިޚާބުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކާ އެކު ވާހަކަތަކަށް ދިއުމަށް" ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މަޝްވަރާތަކަށް ދިއުމަށް ނަޝީދު ގޮވާލެއްވި ނަމަވެސް އިދިކޮޅު ކޯލިޝަން މީގެ ކުރިން ބުނެފައިވަނީ ސަރުކާރާއި އެކު އެއްވެސް މަޝްވަރާއެއް ކުރާނީ ޖަލުގައި ތިބި ސިޔާސީ ލީޑަރުން މިނިވަން ކުރުމުން ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ބުނެފައިވަނީ ޝަރުތަކާއި ނުލައި މަޝްވަރާތައް ފަށަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާއަށް ގޮވާލަނީ އަބަދުވެސް ސަރުކާރަށް އެތެރެ އާއި ބޭރުގެ ޕްރެޝަރ ކުރިމަތިވާ ދަނޑިވަޅުތަކުގައެވެ. މިފަހަރު ވެސް ސަރުކާރުން މަޝްވަރާއަށް މި ގޮވާލީ އިދިކޮޅުން އެއް ކެންޑިޑޭޓެއް ނެރެން އެއްބަސްވެފައި ވަނިކޮށެވެ.