ސ. ހިތަދޫ އީދިގަލި ކިޅި އިގުތިސާދީ ފައިދާ ނެގޭ ކަހަލަ ގޮތަކަށް ތަރައްގީކޮށް އެތަން މިހާރަށް ވުރެ ހަރުދަނާކޮށް ބެލެހެއްޓުމަށް ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮޖެކްޓަކީ އައްޑޫ ސިޓީ ކައުންސިލާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި އެއީ ސީދާ އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.
އައްޑު އަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. ޝަކީލާ މިހެން ވިދާޅުވީ އީދަގަލި ޕްރޮޖެކްޓަކީ ކައުންސިލާއި އީޕީއޭ އަދި ސްޕެއިންގެ ހިޑްރިއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށް ކައުންސިލުން އިއްޔެ ބުނުމާ ގުޅިގެންނެވެ. އަދި މިއީ ބ. އަތޮޅުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓް ފަދަ ޕްރޮޖެކްޓެއް ކަމަށް ވެސް ޑރ. ޝަކީލާ ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ ހިޑްރިއާ ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ޕްރޮޖެކްޓަކީ ހަމައެކަނި އައްޑޫގައި ކުރިއަށް ގެންދާ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ފިޔަވަހިތަކަކަށް ބަހާލައިގެން އައްޑޫގެ އިތުރުން ފުވައްމުލަކުގައި ވެސް ކުރިއަށް ގެންދަން ރާވައިވާ ޕްރޮޖެކްޓެއް ކަމަށް ޑރ. ޝަކީލާ ވިދާޅުވި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވައްސަށް 10 މިލިއަން ޑޮލަރު ހަރަދު ވާނެ އެވެ. އަދި ދެވަނަ ފިޔަވައްސަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ސީދާ މިނިސްޓްރީން ކުރިއަށް ގެންދާ ކަމެއް. އެއްގޮތަކަށް ވެސް ކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ނޫން. ހިޑްރިއާ ކުންފުންޏަކީ އަޅުގަނޑުމެން ބިޑަށް ހުޅުވާލައިގެން މިކަމަށް ހޮވި ކޮންޓްރަކްޓަރެއް. އެ ކުންފުނިން ކުރާނެ ކަމަކީ އެސެސްމަންޓް ހެދުން. އެ މަސައްކަތް އައްޑު އަށް ގޮސްގެން އެ މީހުން މިހާރު އެ ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "ދެން އަޅުގަނޑުމެންގެ ސްޓާފުން ވެސް އައްޑޫގައި ތިބެގެން މީގެ މަސައްކަތް ކުރަމުން ގެންދާނެ."
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓް އަންްނަ ހަފުތާގެ ތެރޭގައި ރަސްމީކޮށް ލޯންޗް ކުރަން ވެސް ނިންމާފައިވާ ކަމަށެވެ.