Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ކަރެކްޝަންސްގެ ނަން ބަދަލު ކުރަނީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސްގެ ނަމަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅައިފި އެވެ.

އެގޮތުން ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އެ އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އެ ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ އެ ބިލް މަޖިލީހުން ފާސްވެ، ތަސްދީގު ކުރާ ދުވަހުން ފެށިގެން ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސް އަށް ބަދަލު ކުރުމަށެވެ. އަދި ކަރެކްޝަނަލް ސާވިސް މިހާރު ވެސް އޮންނަ ގޮތަށް، ނޭޝަނަލް ޕްރިޒަންސް ސާވިސްއަކީ ސިވިލް ސާވިސްގައި ނުހިމެނޭ އަދި ޔުނިފޯމް އެޅި އޮފިސަަރުން ހިމެނޭ މަދަނީ ޚިދުމަތެއް ކަމުގައި ހަމަޖެއްސުމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ އެހެން މާއްދާތަކަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ. މިހާރު އެ ގާނޫނު އޮންނަ ގޮތުން ކަރެޝަންސްގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދެވެނީ މިނިސްޓަރަށެވެ. އެހެންނަމަވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ ޕްރިޒަންސް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް ވެސް މަޤާމުގެ ކުރިއެރުން ދިނުމުގެ ބާރު ކޮމިޝަނަރަށް ދިނުމަށެވެ. އެކަމަކު ޝަރަފްގެ ނިޝާން ދޭނީ މިހާރު ވެސް އޮންނަ ގޮތަށް މިނިސްޓަރު ކަމަށް އެ އިސްލާހުގައިވެ އެވެ.

އެ ބިލުގައިވާ ގޮތުން ޕެރޯލްގެ ދަށުން މީހުން ދޫކުރުމާއި ބޯޑުގެ ޒިންމާ އަދާ ކުރުމަށް ޕްރިޒަން ސާވިސްގެ އިދާރީ އޮނިގަނޑުގައި ވަކި ޑިޕާޓްމެންޓެއް އުފައްދަން ޖެހެއެވެ. އަދި ހުކުމް ތަންފީޒު ކުރަމުންދާ މީހެއްގެ ޕެރޯލް ބާތިލު ކޮށްފިނަމަ، އެ ހުކުމަކާއި ގުޅިގެން އަލުން ޕެރޯލަށް ނޭދެވޭ ގޮތަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ހުކުމް ތަންފީޒު ކުރަމުންދާ މީހެއްގެ ޕެރޯލްއާ މެދު ޕެރޯލްގެ ބޯޑުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން އެ ނިންމުން މުރާޖާކޮށް ދިނުމަށް އެދި އެ ބޯޑަށް ހުށަހެޅުމުން، އެ ބޯޑުގެ ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ޝަރީއަތަށް އެ މައްސަލަ ހުށަހަޅަން ޖެހޭ މުއްދަތު 20 ދުވަހަށް ކުރު ކުރުމަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ.