ވިލިމާލެ ގެސްޓް ހައުސްއެއްގައި މަސްތުވާތަކެތި ބޭނުންކުރަންތިިބި 8 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ވިލިމާލެ ގެސްޓްހައުސްއެއްގައި މަސްތުވާތަކެތި ބޭނުންކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކަށް، ވިލިމާލެ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، ރޭ 1:30 ހާއިރު ހިންގި މިއޮޕަރޭޝަންގައި، ގޭގެ ވެރިފަރާތުގެ ހުއްދައާއިއެކު ގެސްޓު ހައުސްއަށްވަދެ ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ދެ ކުދިންނާއި، 18 އަހަރުގެ މީހަކާއި، 19 އަހަރުގެ މީހަކާއި، 21 އަހަރުގެ ދެމީހަކާއި، 23 އަހަރުގެ މީހަކާއި އަދި 24 އަހަރުގެ މީހެއް ކަމަށެވެ.
އަދި މަސްތުވާތަކެތި ބޭނުންކުރަންތިބި މި 8 މީހުން ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 4 ސެލޯފިން ކޮޅާއި މަސްތުވާތަކެތި ބޭނުން ކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި މިމީހުންތިބި ކޮަޓަރި ތެރެއިން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިމައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.