ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަަމުރުގައި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސާފު އިބާރާތުން ބުނެފައިވެއެވެ. އެހެން ނަމަވެސް އޭގެ ފަހުން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ނެރުނު އަމުރަކުން 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފައިވާ ބަޔަށް އަމަލުކުރުން ފަސްކުރިއެވެ.
އަމުރުގެ ވަކި ބަޔަކަށް އަމަލުކުރުން ފަސްކުރީ އެ ބައި ބާތިލްކުރަން ބަންޑާރަނާއިބުގެ ފަރާތުން ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ މާޗް މަހު އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވަން ހަމަޖައްސާފައިވާއިރު، އެ މައްސަލަ މިހާރު ބައްލަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު މަޤާމުން ވަކިވުމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަޤާމެއް ހުސްވުމުން، ދާދި ފަހުން އެ ދެ މަޤާމަށް ވަނީ ފަނޑިިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކޮށްފަ އެވެ.