Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު

ތާށިވި ކުދިން އަދިވެސް ހޮހޮޅައިގައި ތިބެން ޖެހިދާނެ

މީގެ 9 ދުވަސް ކުރިން ތައިލެންޑުގެ ހޮހޮޅައެއްގައި ތާށިވި އެގައުމުގެ ފުޓުބޯޅަ ޓީމަކަށް ނިސްބަތްވާ 12 ކުދިންނާއި އެ ކުދިންގެ ކޯޗް ރޭ ވަނީ ދިރިތިއްބާ ފެނިފައެވެ.

ނަމަވެސް ތައިލެންޑުގެ ނޭވީ އިން ބުނާގޮތުން އެކުދިން ހޮހޮޅައިން ނެރުމަށް މަސްތަކެއް ނަގާފާނެ ކަމަށެވެ. ސަބަބަކަށް ވަނީ ހޮހޮޅައިގެ ތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހިނދުމަށް މަސްތަކެއް ނަގާނެތީކަމަށެވެ. ދެން އޮތޮ ގޮތަކީ އެކުދިންނަށް ފީނަން ދަސްކޮށްދިނުމަށް ފަހު ހޮހޮޅައިން ނެރުން ކަމަށް ނޭވީ އިން ވަނީ ބުނެފައެވެ.

ނަމަވެސް އެއީ މިކަމުގައި އޮތް އެންމެ ނުރައްކާތެރި ގޮތް ކަމަށް ނޭވީއިން ވަނީ ބުނެފައެވެ. މި ހޮހޮޅައަކީ އެކި ހިސާބުތައް ވަރަށް ހަނި އެދި ފެންގަނޑުވެސް ކިސަޑުވެފައިވާ ތަނަކަށް ވުމުން ކަމުގެ ތަޖުރިބާ ލިބިފައިވާ ޑައިވަރުންވެސް މިތަނަށް ފީނީ ވަރަށް ބޮޑު ރިސްކެއް ނަގައިގެން ކަމަށް ނޭވީއިން ބުނެއެވެ.

ނުވަ ދުވަސް ފަހުން ގެއްލުނު އެންމެން ދިރިތިއްބާ ފެނިފައިވަނީ ހޮހޮޅައިގެ އެތެރޭގައިވާ ބޮޑުވެފައިވާ ފެންގަނޑަށް ވުރެ މަތީގައި ހުރި ހިކިފަސް ތަނެއްގައި ތިއްބައެވެ.

ކުދިން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަނީ އެކުދިންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ސާމާނުތައް ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިވަމުންނެވެ.

ތައިލެންޑުގެ މިލިޓަރީއިން ބުނާގޮތުގައި ކަން ދިމާ ކުރާގޮތުން ކުރިއަށް އޮތް 4 މަސް ދުވަސް ވަންދެންވެސް އެކުދިންނަށް ކާބޯތަކެތި ފޯރުކޮށްދޭން ޖެހިދާނެއެވެ.

މިކުދިން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ އިނދިރޭސި ވިލާތުގެ 2 ޑައިވަރުންނަށެވެ. ތައިލެންޑުގެ ނޭވީއިން ވަނީ މިކުދިން ފެނުނު ގަޑީގައި ޑައިވަރުން ނަގާފައިވާ ވީޑިއޯއެއް ފޭސްބުކްގައި ހިއްސާކޮށްފައެވެ

ޑައިވަރުން ކިތައް މީހުން އެބަތިބިހޭ ސުވާލު ކުރުމުން ޖަވާބުގައި އެކުދިންވަނީ 13 މީހުން އެބަތިބިކަމަށް ބުނެފައެވެ. އަދި ވަރަށް ބޮޑަށް ބަނޑުހައި ވެފައިވާ ކަމަށްވެސް ބުންޏެވެ.

އަދި މިއަދަކީ ކޮންދުވަހެއް ކަމަށާއި ތިމަންނަމެން ތާށިވެފައި ތިބޭތާ ކިތައް ދުވަސް ވެއްޖެހޭ ޑައިވަރުންނާއި ސުވާލު ކުރުމުން، 9 ދުވަސް ވެފައިވާ ކަމަށް ޑައިވަރުން ޖަވާބުގައި ބުނެއެވެ.

ޕަމްޕު ޖަހައިގެން ހޮހޮޅައިން ފެންގަނޑު ހިއްކުމަށް ކުރަމުންދާ މަސައްކަތަށް މާ ބޮޑު ކާމިޔާބީއެއް ލިބިފައި ނުވެއެވެ. ޖޫން-ޖުލައިގެ ވިއްސާރައިގައި މި ހޮހޮޅައިގައި ބޮޑުވާ ފެންގަނޑު އާންމުކޮށް ހިނދެނީ އޮކްޓޯބަރ މަހުގައެވެ. އެހެންކަމުން ފެންގަނޑު އޭގެ ޒާތުގައި ހިނދި މިކުދިން ހޮހޮޅައިން ބޭރު ކުރުމަށް މަސްތަކެއް ނަގާފާނެ ކަމަށް ނޭވީ އިން ބުނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކުދިންގެ ސިއްހީ ހާލަތު ބެލުމަށާއި ފަރުވާ ކުރުމަށް ޑޮކްޓަރުންގެ ޓީމުތައް އެކުދިންނާއި ހަމައަށް ދާނެކަމަށް މައުލޫމާތު ލިބެއެވެ.