Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

"ލިޔެކިޔުންތައް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރޭ"

އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު ޢަބުދުﷲ ދީދީ - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ފޮނުވާ ސިޓީ އާއި ލިޔެކިޔުންތައް އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު ޢަބުދުﷲ ދީދީއަށް އެޑްރެސްކޮށް ފޮނުވުމަށް ކޯޓުތަކަށާއި ދައުލަތުގެ މުއައްސަސާތަކަށް އެކޯޓުން އަންގައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު އާންމުކުރި ސާކިއުލާއެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް އެޑްރެސްކުރަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/02/SC (ރަސްމީ ސިޓީތަކުގައި ސޮއިކުރުމާއި ސިޓީ އެޑްރެސްކުރުމާބެހޭ) ސަރކިއުލަރއާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށްކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް ގަދަބާރުން ސުޕްރީމް ކޯޓަށް ވަދެ، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، އެ ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލި ތުހުމަތުތަކުގެ ސަބަބުން އެދެ ބޭފުޅުން ސަސްްޕެންޑް ކުރުމަށް 8 ފެބުރުއަރީގައި ޖުޑީޝަލް ސާވިސްކޮމިޝަނުން ނިންމުމާއި ގުޅިގެން، 11 ފެބުރުއަރީގައި ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު އަލްއުސްތާޛު ޢަބުދުﷲ އަރީފާއި ހަވާލު ކުރި އެވެ. އަދި އޭގެ ފަހުން އިއްޔެ އާއި ހަމައަށް އެކޯޓަށް ފޮނުވާ ސިޓީތަކާއި ލިޔެކިޔުންތައް އެޑްރެސް ކުރަން އަންގާފައި އޮޮތީ އެމަނިކުފާނަށެވެ.

އުއްތަމަ ފަނޑިޔާރަކަށް ޑރ. އަހުމަދު އަބްދުﷲ ދީދީ މިދިޔަ ހަފުތާގައި އައްޔަން ކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި އަބްދުﷲ ސައީދުގެ މައްޗަށް ކުށެއް ސާބިތުވެ، އިސްތިއުނާފްގެ މަރުހަލާތައް ނިމުމާ އެކު އެމަނިކުފާނުގެ މަޤާމު ގެއްލުމުންނެވެ.