ފޯނު ނަންބަރާއި، ބައެއް ޒާތީ މައުލޫމާތު ހޯދުމަށް ފެނަކައިގެ އައްޑޫ މުވައްްޒަފުން ގޭގެއަށް ފޮނުވަން ފަށައިފިއެވެ.
ސާވޭއަކަށްކަމަށް ބުނެ އެ މުވައްޒަފުން ލައްވާ މީހުންގެ ފޯނު ނަންބަރާއި ރަށުން ބޭރުގައި އުޅޭ އެ ގޭބިސީއަށް ނިސްބަތްވާ މީހުން އުޅޭ އެޑްރެސްއާއި ތާއިދު ކުރާ ޕާޓީ މައުލޫމާތު ދަނީ އަހަމުންނެވެ.
"އައްޑޫލައިވް" އާއި މައުލޫމާތު ހިއްސާ ކުރި ހިތަދޫ ދެކުނު ދާއިރާއަށް ނިސްބަތްވާ މީހަކު ބުނީ މީހުން ދިރިއުޅޭ ގެތަކަށް ގޮސް ފޯނު ނަންބަރު އަޕްޑޭޓު ކުރުމަށްކަމަށް ބުނެ މައުލޫމާތު އަހައި އެންމެ ފަހުން އުޅޭ ޕާޓީގެ މައުލޫމާތު ވެސް އަހާފައިވާ ކަމަށެވެ.
ފެނަކައިގެ މުވައްޒަފުން ގޭގެއަށް ސާވޭގެ ނަމުގައި ފޮނުވާއިރު އެކުންފުނީގެ އައްޑޫ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން އޮފީސް ގަޑީގައި ޕީޕީއެމް އޮފީހަށް ގޮސް މަސައްކަތް ކުރުމަށްވެސް ވަނީ މަޖްބޫރުކޮށްފައެވެ.
PPM campaign team e hithadhoo geaka vanumun beyru kollanee pic.twitter.com/GzesQxz7uA
— adduLIVE (@addulive) July 2, 2018
"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި މުވައްޒަފުން އޮފީހަށް ގޮސް "ސައިން އިން" ވުމަށް ފަހު ދާން ޖެހެނީ ޕީޕީއެމްގެ ފަރާތުން ހިތަދޫގައި ދާދި ފަހުން ހުޅުވި އޮފީހަށެވެ. އެއޮފީހުގައި އެމުވައްޒަފުން ޖެހެނީ މިފަދަ މައުލޫމާތު ސާފުކޮށް، މީހުންނަށް ގުޅައި، ކެމްޕެއިން މަސައްކަތް ކުރުމަށެވެ.
ފެނަކައިގެ މުވައްޒަފުން ސާވޭ ކުރުމަށްކަމަށް ބުނެ ގޭގެއަށް ވަންނަމުން އަންނަ އިރު އެފަދަ މައުލޫމާތު ހޯދުމަށް ހިތަދޫގެ ގެއަކަށް ވަން ޕީޕީއެމްގެ ބަޔަކު ވަނީ އެގެއިން ނެރެލާފައެވެ. އެގެއިން އެމީހުން ނެރެލާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.
ފެނަކައިން ވަނީ މި މަހުގެ ކަރަންޓް ބިލާއި އެކު ނަރުދަމާގެ މައުލޫމާތު ހިމެނޭ ލީފްލެޓެއްވެސް ގޭގެއާއި ހަވާލުކޮށްފައެވެ. ފެނަކަ މުވައްޒަފުން ލައްވައި ކެމްޕެއިން ކުރުވަނީ ކަމަށް ބުނެ އެކަމާއިވެސް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.