ދިވެހިން އާއްމުކޮށް ބޭސް ފަރުވާއަށްދާ އިންޑިއާގެ ޖީޖީ ހޮސްޕިޓަލުން ދިވެހި އަންހެން ކުއްޖެއްގެ އޮޕަރޭޝަން ކުރަން ޖެހޭ ފައި ނޫން އަނެއް ފައި އޮޕަރޭޝަން ކުރި މައްސަލައެއް އެގައުމުގެ ފުލުހުން ބަލަން ފަށައިފިއެވެ.
އިންޑިއާގެ މަނަރޯމާ ނިއުސްއިން ރިޕޯޓުކޮށްފަައިވާ ގޮތުގައި އެކުއްޖާގެ އޮޕަރޭޝަން ކުރަން ޖެހޭ ފައި ނޫން އަނެއް ފައި އޮޕަރޭޝަން ކުރިކަން އެނގުނީ އެކުއްޖާ އެވާހަކަ ބުނުމުންނެވެ.
އެނޫހުން ބުނެފައިވާ ގޮތުގައި އެ އަންހެން ކުއްޖާއަކީ އިންޑިއާގެ އަންހެނަކާއި އއ. ތޮއްޑޫ ފިރިހެނަކަށް ލިބިފައިވާ ކުއްޖެކެވެ. އެމީހުން މިވަގުތު ދިރުއުޅެމުން ދަނީ އިންޑިއާގައި ކަމަށެވެ. އަދި ހޮސްޕިޓަލުން އޮޕަރޭޝަން ކޮށްފައިވަނީ އާސަންދައިގެ ދަށުން ކަމަށެވެ.
އެކުއްޖާގެ މަންމަ ރަޝީދާ މަނަމޯރާއަށް މައުލޫމާތު ދެމުން ބުނީ އަނިޔާވެފައި ވަނީ ވައަތު ފަޔަށް ކަމަށާއި ޑޮކްޓަރުން އޮޕަރޭޝަންކޮށްފައި ވަނީ ކަނާތުފައި ކަމަށެވެ. އަދި ހޮސްޕިޓަލުގެ ސަމާލުކަމަށް އެކަން ގެނައުމުން ހޮސްޕިޓަލުން މަޢާފަށް އެދި އެކަން ސިއްރުކޮށްދޭން އެދުނު ކަމަށެވެ.
ރަޝީދާ ބުނީ އެކަމުގައި ހޮސްޕިޓަލުން އިހުމާލުވެފައިވާތީ އެކަން ޓްރެވިންޑްރަމްގައި ހުންނަ ދިވެހި ކޮންސުލޭޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވާ އިރު މިއަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު އެހޮސްޕިޓަލުގެ އިހުމާލުން 3 އަހަރުގެ ކުޑަކުއްޖަކާއި، ފެބުރުއަރީ 16 ވަނަ ދުވަހު 81 އަހަރުގެ މީހަކު މަރުވި މައްސަލައެއްވެސް ޓްރެވިންޑްރަމްގެ ފުލުހުންނަށް ހުށައެޅި ބަލަމުންދާކަމުގައި އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.