ކުރިއަށް އޮތް ރިޔާސީ އިންތިހާބު ހަލާކުކޮށްލަން ޖުމްހޫރީ ޕާޓީއަށް ފުރުސަތު ދެވެން ނެތް ކަމަށް ކުރީގެ ބަނޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ. އެގޮތުން ރަނިން މޭޓަކު ޖޭޕީ ކައުންސިލުން ކަނޑައެޅުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ސުއޫދު މިގޮތަށް ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/hsuood/status/1014039530972692483
ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙީމްގެ ހަނގު އަނބިކަނބަލުން އައިޝާއަކީ ރަނިންމޭޓުގެ މަގާމަށް އެކަށީގެންވާ ބޭކަނބަލެއް ކަމަށް ގަބޫލު ނުކުރައްވާކަނަށް ސުއޫދު ވަނީ ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވެފައި މި ވަނީ އައިޝާއަށް ރަނިންމޭޓުކަން ދޭން އުޅޭ ކަމަށް ބުނެ އަޑު ފެތުރެމުންދާ ދަނޑިވަޅެއްގައެެވެ.
އެ ޓްވީޓުގައި ސުއޫދު ވިދާޅުވީ ޖުމްހޫރީ ފިލޯސަފީ ގަބޫލު ކުރާ ނަމަ ވެރިފަރާތުގެ ނުފޫޒެއް ނެތި ރަނިންމޭޓަކު ނޮމިނޭޓު ކުރުން ކައުންސިލު މެންބަރުންނަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. އޭނާ ވަނީ ރިޔާސީ އިންތިހާބު ހަލާކުކޮށްލަން ފުރުސަތު ޖޭޕީއަށް ދެވެން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބަކީ އެއަށްވުރެ މަސްލަހަތު މާ ބޮޑު އިންތިހާބެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކެންޑިޑޭޓު ކަމަށް އެމްޑީޕީ ޕިޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅާފައިވާ އިރު ރަނިންމޭޓަކު ހުށަހަޅަން ފުރުސަތު ދީފައިވަނީ ޖުމްހޫރީ ޕާޓީއަށެވެ. ނަމަވެސް އެ ޕާޓީން އަދި ވަކި މީހަކު ކަނޑައަޅާފައެއް ނުވެއެވެ. އެހެން ކަމުން އެ ޕާޓީން ނެރޭނީ ކޮން ބޭފުޅެއްކަމާއިމެދު މިވަނީ ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދިފައެވެ.