އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިޚާބަށް ނެރޭ ކެންޑިޑޭޓުގެ ރަނިންމޭޓު ކަނޑައެޅުމަށް ޖޭޕީއަށް ލިބިފައިވާ ފުރުޞަތުގައި އެކަން ނިންމައި އިއުލާނު ކުރާނީ، ޖުލައި 10 ގައި ކަމަށް އެޕާޓީން ބުނެފިއެވެ.
މިއަދު ކުނޫޒުގައި ޖޭޕީން ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ސެކްރެޓަރީގެ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޖޭޕީން ރަނިންމޭޓަކަށް ހުށައަޅާ ފަރާތަަކީ ކޮބައިކަން އިއުލާނު ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ނިންމައި ޖުލައި 10ގައި ރަނިންމޭޓު އިއުލާނު ކުރާނެ ކަމަށެވެ.
އަދި ސަމީރު ވިދާޅުވީ ރަނިންމޭޓަށް ވާން ބޭނުންފުޅުވާ ގިނަ މެމްބަރުންތަކެއް އެޕާޓީގައި ތިއްބެވުމާއި އެކު އެނިންމުން ނިންމާނީ ޖޭޕީން ކަމަށެވެ.
ރަނިންމޭޓަކަށް ގެންނަން ބޭނުންފުޅުވާ ބޭފުޅުންނަށް ސޯޝަލް މީޑިއާގައި ކެމްޕޭން ކުރަމުން ދިޔުމަކީ މައްސަލައެއް ނޫންކަމަށާއި ނަމަވެސް ބޭބޭފުޅުންގެ އަބުރާއި ޤަދަރާއި ކަރާމާތަށް އުނިކަން އަންނަގޮތަށް ކަންކަން ނުކުރެއްވުމަށް ސަމީރު ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން ސަމީރު ވިދާޅުވީ މަޤާމަކަށް ވާދަކުރުމުގެ ފުރުސަތު ޖޭޕީގެ ހުރިހާ މެމްބަރުންނަށްވެސް އޮންނާނެ ކަމަށާއި އެކަމުގައި އެއްވެސް ތަފާތުކުރުމެއް ނޯންނާނެ ކަމަށެވެ.