Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ބްރިޖް ނިންމަން އޮތީ ސެޕްޓެމްބަރު 25 އަށް!

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްވީ ނިއުސް

ރާއްޖޭގެ ވެރިރަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިމެނޭ ހުޅުލެ ގުޅުވާލާ ބްރިޖު ކަމުގައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސީއެމްއެފްބީ) ގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ އަންނަ ސެޕްޓެމްބަރު ގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައި ވަނީ ސީއެމްއެފްބީ ނިންމަން ކޮންޓްރެކްޓް ކޮށްފައިވާ ތާރީޚަކީ އަންނަ ސެޕްޓެމްބަރު މަހުގެ 25 އަށް ކަމަށާއި، ނަމަވެސް މަސައްކަތް އެއަށްވުރެ ދެ މަސްދުވަސް އަވަހަށް (ޖުލައި 26) ނިންމުމަށް ކޮންޓްރެކްޓަރ އަމިއްލަ އިސްނެގުމަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ސެޕްޓެމްބަރު 25 އަށް ވުރެ އަވަހަށް ނިމޭ ކޮންމެ ދުވަހަކީ އަވަސްވުމެއް، ލަސްވުމެއް ނޫން" މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ހުޅުލެ ބްރިޖްގެ މަޝްރޫއަށް 220 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާއިރު ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ. ބްރިޖްގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭންއެއް ހިމެނެއެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު ބްރިޖެއް އެޅުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.