ދިވެހިން ކުރިޔަށް ދާން ބޭނުންވާ މަގު އިޚުތިޔާރުކޮށް، ދިވެހިރާއްޖޭގެ އުޞޫލުތަކުގެ މައްޗަށް ބަސްކިޔާނީ ދިވެހިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ށ. މިލަންދޫއަށް މިއަދު ހެނދުނު ވަޑައިގެން އެރަށު ބަނދަރު ސަރަޙައްދުގައި ބޭއްވެވި ނަރުދަމާގެ ޚިދުމަތް އިފްތިތާޙު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ދާޚިލީ ކަންކަން ނިންމުމުގައި ބޭރުގެ ނުފޫޒު މި ސަރުކާރުން ބޭނުން ނުވާކަމަށެވެ.
ރައީސް ވިދާޅިވުގޮތުގައި ދިވެހިރާއްޖެއަށް އެކި ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރުވަނީ ރާއްޖޭގައި ޑިމޮކްރެސީގެ ވަކި އުޞޫލުތަކެއް ގެންގުޅޭތީކަމަށާއި، ދީނީ މިނިވަންކަން މިސަރުކާރުން ދޭން ބޭނުން ނުވާތީކަމުގައެވެ. މިގޮތުން، މި ސަރުކާރުން ކަންކަންކުރަނީ ޑިމޮކްރެސީގެ ހަމަތަކާއި ޚިލާފަށް ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރަން މި ސަރުކާރުން ދޫނުކުރާތީކަން ރައީސް ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ކުރީގެ ބައެއް ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން އިސްލާމް ދީން ނޫން އެހެން ދީނަކަށް އުޅުމުގެ ޖާގަ އެއްވެސް ވަރަކަށް ނުދޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މީގެ ކުރިން ނުވާނެކަމަށް ބުނެފައިވާ ބްރިޖް އެޅުން ފަދަ ބޮޑެތި މަޝްރޫޢުތަށް މިސަރުކާރުން ކާމިޔާބު ކަމާއެކު ހިންގަމުންދާ ކަމަށެެވެ.
ރައީސް ޔާމީން މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.