Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ލޯ ފެކަލްޓީ އަށް ބޮޑު ތަރުހީބެއް ލިބޭ: ސުއޫދު

ލޯ ފެކަލްޓީން ހުހުމީދޫގައި ރޭ ބޭއްވި ބައްދަލުވުން. ފޮޓޯ/ ވީއޯއެމް

މޯލްޑިވްސް ލޯ އިންސްޓިޓިއުޓާއި ވިލާ ކޮލެޖް ގުޅިގެން ހުޅުމީދޫގައި ފަށާ ލޯ ކޮލެޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން ކޯސްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެެވެ.

ލޯ ފެކަލްޓީގެ ކޯސްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ވިލާ ކޮލެޖްގެ އިސް ބެފުޅުންނާއި އެކު މިހާރު އައްޑޫއަށް ވަޑައިގެން އުޅުއްވާ ސުއޫދު "އައްޑޫ ލައިވް" އާ ވާހަކަފުޅު ދައްކަމުން ވިދާޅުވީ ކޯހާއި ގުޅޭގޮތުން މިހާތަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

މާލޭގައި ކޯހާ ގުޅޭ މައުލޫމާތު ދިނުމަށް ފަހު އައްޑޫގެ ސްކޫލްތަކަށާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ބަލަބަލައި ތިބި ކުދިންނަށް އަމާޒުކޮށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ސެޝަންތަކަށް ގިނަ ބަޔަކު ޒިޔާރަތްކޮށް މައުލޫމާތު ހޯދާފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"މިހާތަނަށް ވަރަށް ތަރުހީބު ރަނގަޅު، ހާއްސަކޮށް ހުޅުމީދޫން ވަރަށް ބޮޑު ތަރުހީބު ލިބުނު. އަދި އެހެން ތަންތަނުން ވެސް ލިބުނު ތަރުހީބް ރަނގަޅު،" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ލޯ ފެކަލްޓީން ފަށާ ފައުންޑޭޝަން ކޯހަކީ ރާއްޖޭގައި މިވަގުތު ލިބެން ހުރި އެންމެ ރަނގަޅު ފައުންޑޭޝަން ކޯސް ކަމަށެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ރާއްޖޭން ބޭރުގެ ޔުނިވާސިޓީން ލޯ ކިޔަވަން ބޭނުން ފަރާތަކަށް ކުރިއަށް ދިއުމަށް ފަސޭހަ ވާނެ ކަމަށެވެ.

މެއި މަހުގެ 21 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހުގައި ފުރަތަމަ ދިނުމަށް ހަމަޖެހިފައި ވަނީ 35 ޖާގައެވެ. އަދި ކޯސް ފީއެއްގެ ގޮތުގައި ދައްކަން ޖެހެނީ 21،000ރ. އެވެ. އަދި އެފައިސާ 6 އިންސްޓޯލްމެންޓަކަށް ބަހާލައިގެން ދެއްކިދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ހުޅުމީދޫގައި ފަށާ ކޯސްތަކަށް އަންނަ ކުދިން ހުޅުމީދޫގައި ތިބުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކޮލެޖުން އެހީތެރި ވެދޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.