Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ސުޕްރީމް ކޯޓްގެ ޗެމްބަރު ފަނޑިޔާރަކަށް އާދަމް މުހައްމަދު

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ - ފޮޓޯ: ސަން

ސުޕްރީމް ކޯޓުގެ ޗެމްބަރު ފަނޑިޔާރަކަށް، އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ ހަމަޖައްސަވައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެއް އަހަރުގެ މުއްދަތަކަށް އެ ކޯޓުގެ ޗެމްބަރު ފަނޑިޔާރަކަށް އާދަމް މުހައްމަދު ހަމަޖައްސާފައިވާ ކަމަށެވެ.

ޗެމްބަރު ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރައްވާނީ އުއްތަމަ ފަނޑިޔާރެވެ.

ސުޕްރީމް ކޯޓުގެ ޤަވާއިދުގައި ބުނެފައިވާ ގޮތުން ޗެމްބަރު ފަނޑިޔާރުގެ ޒިންމާއާއި މަސްއޫލިއްޔަތަކީ އެ ކޯޓުގައި ހިނގާ މައްސަލަތަކުގައި ހިމެނޭ ވަކީލުންގެ ޗުއްޓީގެ ކަންކަން ބެލެހެއްޓުމާއި ވަކީލު ނުވަތަ ބަދަލުގައި ހިމެނޭ ފަރާތް ބަދަލުކުރަން ނުވަތަ އެފަދަ ފަރާތެއް މައްސަލައިން ތަނާޒުލްވާން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމާއި މައްސަލައެއްގައި ހިމެނޭ ފަރާތެއް އުނިކުރުމަށް ނުވަތަ އިތުރު ކުރުމަށް ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމެވެ.

ޗެމްބަރު ފަނޑިޔާރުގެ މަސްއޫލިއްޔަތުގެ ތެރޭގައި އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވެފައިވާ މައްސަލަތައް ހުށަހެޅުމުގެ ހުއްދަ ދިނުމާ މެދު ގޮތެއް ނިންމުމާއި ކަފާލާތުގެ މައްސަލަތަކާ މެދު ގޮތެއް ނިންމުމާއި ރަޖިސްޓްރާގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުންވެސް ހިމެނެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުށެއް ސާބިތުވެ، އިސްތިއުނާފްގެ މަރުހަލާތައް ނިމުމާ އެކު އެދެ ބޭފުޅުންގެ މަޤާމު ގެއްލުމުން، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ބެންޗަށް އައްޔަން ކުރައްވައިފަ އެވެ.