ޖުމްލަ 10 ދާއިރާއަކުން ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިމަހުގެ 02 ވަނަ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން އެމްއެންޑީއެފް މެރިންކޯ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިއު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ކޯސްޓްގާޑް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖިނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް، އަދި ސަޕޯޓް ސަރވިސްއަށް ކުރިމަތި ލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުން ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެެއްކަމުގައިވުމާއި، ދައްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން އަދި އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ހުރި މީހެއްކަމުގައި ވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން ހިމެނެއެވެ.
ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.
މި އިޢުލާނުގެ ބޭނުމަށް އުމުރުފުރާ ބަލާ ތާރީޚަކީ 31 ޖުލައި 2018 ތާރީޚްކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ވަޒީފާ އަށް އެދޭ ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2018 ޖުލައި 2 ވީ ހޯމަ ދުވަހުން ފެށިގެން 2018 ޖުލައި 25 ވާ ބުދަ ދުވަހުގެ 14.00 ގެ ނިޔަލަށެވެ. އަދި ވަޒީފާއަށް އެދޭފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 ޖުލައި 10 ވާ އަންގާރަ ދުވަހުން ފެށިގެން 2018 ޖުލައި 25 ވާ ބުދަ ދުވަހުގެ 14.00 ގެ ނިޔަލަށެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ސިފައިންގެ ވަޒީފާއަށް އެދޭ ފޯމާއި ކުށުގެރެކޯޑް ބަލާފޯމް ރަސްމީގަޑީގައި ޑިފެންސް މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ ކަމަށާއި އަދި އެމްއެންޑީއެފްގެ ވެބްސައިޓުން ވެސް މި ފޯމްތައް ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.
ވަޒީފާއަށްއެދޭ ފޯމް ހުށަހަޅުއްވާއިރު ކުށުގެ ރެކޯޑްފޯމް ފުރިހަމަ ކުރައްވާ ހުށަހަޅުއްވަންވާނެކަމަށާއި ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ހުށައަޅުއްވާއިރު، ޑިފެންސް މިނިސްޓްރީގެ ކައުންޓަރުން އިންޓަވިއުއަށް ޙާޒިރުވުމަށް އަންގާ ސްލިޕް ގެންދަވަން ޖެހޭނެކަމަށް ވެސް މި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.