Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

ދުނިޔޭގައި އެންމެ ބޮޑު އެއް ހެކަތޯން ރާއްޖޭގައި

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ރައްޔިތުންގެ މުވާސަލާތީ ކުންފުނި ދިރާގާއި، ސްޕާކް ހަބް ގުޅިގެން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހެކަތޯން "އޭންޖެލްހެކް" ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މިކަން އިއުލާން ކޮށްފައިވަނީ މިރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. "އޭންޖެލްހެކް" ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އަދި 22 މި ދެ ދުވަހު އެވެ.

މިރޭ ބޭއްވުނު ރަސްމިއްޔާތުގައި ހެކަތޯން "އޭންޖެލްހެކް" ލޯންޗް ކޮށްދެއްވީ ދިރާގުގެ އެކްޓިން ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫނާއި ސްޕާކްހަބްގެ މެނޭޖިން ޕާޓްނަރު އަލީ ހާރިޝް އެވެ.

ހެކަތޯންގައި ބައިވެރި ވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތަކީ ރާއްޖޭގައި ތިބި ޒުވާން ހުނަރުވެރިންނަށް ބޭރު ދުނިޔެއަށް އެމީހުންގެ ހުނަރު ދައްކާލަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

މި ހެކަތޯންއިން އެއްވަނަ ދާ ފަރާތަކަށް ސެންފްރެންސިސްކޯގައި ބާއްވާ ގްލޯބަލް ޑިމޯޑޭގައި ބައިވެރިވެ ހުނަރު ދައްކާލުމަށް ފުރުސަތު ލިބިގެން ދާނެއެވެ.

އެންޖެލްހެކްއާއި ގުޅިގެން ދުނިޔޭގެ 150 ސިޓީގައި 150،000 އަށް ވުރެ ގިނަ ޑިވެލޮޕަރުންނާއި ހެކަރުން ބައިވެރިކޮށްގެން ކޮންމެ އަހަރަކުވެސް ހެކަތޯން ބާއްވައެވެ.

މިފަދަ ހެކަތޯން އެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގައި ތިބި މިފަދަ ހުނަރުވެރި ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެކެވެ. މި ފުރުސަތުގެ އިންތިޒާރުގައި ތިބި ޒުވާނުންގެ ބޮޑު ތަރުހީބެއް މި ހެކަތޯން އަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.