އަހަރެންގެ ބައްޕަ އަހަރެންގެ މަންމަ ވަރި ކޮށްފިއެވެ. އަދި ވަކިވެގެން ހިނގައްޖެއެވެ. މިހިސާބުން އަދި ނިމުނީކީ ނޫނެވެ. މި ވަކިވުމަށްފަހު އަހަރެންގެ މަންމަ އެހެން ކައިވެންޏެއް އަޤުދު ކޮށްފިއެވެ. އަދި އަހަރެންގެ ބައްޕަ އެހެން އަތްބެއް ހޯދައިފިއެވެ.
އަހަންނަށް މިވީ ގޮތަކީ ތޯއެވެ؟
އަހަރެން މިވީ އެ ދެމީހުންގެ ދެމެދުގައި ދެކޮޅަށް ދެމެވޭ ބޭކާރު ކުއްޖަކަށެވެ. ދެ ކަމެއްގެ ދެމެދުގައިވާ ފޮންޏަކީ ހިއްޗޭ ބުނެއުޅޭ މިސާލުގައެވެ. އަހަރެންގެ ބައްޕަގެ ކައިރީގައި ދޮންމަންމަގެ ވަކިތަކެވެ. އަހަރެންގެ މަންމަގެ ކައިރީގައި ދޮން ބައްޕައެވެ. ރުޅިވެރިކަމުން އޭނާގެ ފޭރާ ދަތްތައް ފާޅުވެފައި ނުހުންނަ ވަގުތެއް ނުދެއެވެ. އަނެއް ކޮޅުން ބަލާއިރު އަހަރެންނަކީ އެ ދެމީހުންގެ ކައިރީގައި އަބަދުމެ ހުންނަ އަދި އަބަދުމެ އެ ދެމީހުން ކުރެ އެކަކުގެ ކައިރީގައިވެސް ނުހުންނަ ކުއްޖަކަށް ވެއްޖައިމެވެ. މި ބުނީ އަހަރެންނަކީ އަރަތަކަށްވީ ވާހަކައެވެ. ވުޖޫދުގައިވާ އެކަމަކު ނުވާ ކުއްޖަކަށް ވެއްޖައިމެވެ.
އާއިލީ މި ހަމަނުޖެހުންތަކާއި ދެ އާއިލާގެ އަޅާނުލުމުގެ ސަބަބުން އަހަރެންގެ މަގު އަހަރެންނަށް އޮޅިއްޖެއެވެ. ނުބައި އެކުވެރިންނާއި ގުޅެވިއްޖެއެވެ. ތަފާތު ކުށްތަކާއި ފާފަތަކުގެ ޝިކާރައަކަށްވެ މަސްތުވާން ވެސް ދަސްކޮށްފީމެވެ. އެ ދެމީހުންގެ ފުށުން ނުލިބި މަހުރޫމްވެފައިވާ ހިތްހަމަޖެހުމާއި، ލޯތްބާއި އަޅާލުމުގެ ބަދަލުގައި މި ނުބައި އެކުވެރިންގެ ކިބައިން އުފާތަކާއި ހިތްހަމަޖެހުން ތަކެއް ހޯދަން ފަށައިފީމެވެ. އެއީ ﷲ އަށްޓަކާ އުފެދިފައިވާ ލޯތްބާއި އެކުވެރިކަމެއް ނޫންކަން ގަބޫލު ކުރަމެވެ. އަދި އެއީ އެމީހުންގެ އަމިއްލަ އެދުންތަކާއި ފައިދާއަށް ބަހައްޓާ ގާތްކަމެއްކަން ވެސް އަހަރެންނަށް އެނގެއެވެ. އަހަރެންގެ ހުރިހާ ވަގުތެއްހެން ހޭދަ ކުރަމުންދަނީ އެ ނުބައި އެކުވެރިންނާއި އެކުގައެވެ. ކެއުމާއި ބުއިމުގައެވެ. އަދި މަސްތުވެސް ވުމުގައެވެ.
އަހަރެންގެ ބައްޕަ ކޮންތާކުތޯ ތިއުޅެނީ އަހައިފިނަމަ އަހަރެން އުޅުނީ މަންމަގެ ކައިރީގައޭ ބުނަމެވެ. އަދި މަންމަ ސުވާލު ކޮށްފިނަމަ ބައްޕަ ކައިރީގައޭ ބުނަމެވެ. އެކަމަކު އެއިން އެކަކު ކައިރީގައިވެސް އަހަރެން ނެތީމެވެ. އަދި އެދެމީހުންގެ ކައިރީގައި އަހަރެން ހުރިން ކަމަށް ބުނަމެވެ. މިއީ މަސްތުވާތަކެއްޗާއި އެއަށް ހެއްލުމުގައި އަހަރެން ހޭދަކުރަމުން ދިޔަ ދިރިއުޅުމެވެ. އެކަމަކު އަހަރެންގެ ޙަޔާތް އަމާންކަމުގެ ބަނދަރަކާއި ހަމަޔަށް ވާސިލުވީ ކިހިނެއްތޯއެވެ؟ އެއީ މުޅިން އެހެން ވާހަކައެކެވެ. އެވާހަކަ ދެން ކިޔައިދޭނަމެވެ.
އެއް ރެއެއްގެ ރޭގަނޑު ނުހަނު ދަންވެފައި ވަނިކޮށް ބޯތައް އެކި ފަރާތް ފަރާތަށް ހޫރަމުން މަސްތުވާތަކެތީގައި ޝިކާރަވެވެމުން ދަނީއެވެ. އެއަށްފަހު ބުރެއް ޖަހާލުމަށް އަހަރުމެން ކާރުގައި ނިކުމެއްޖައީމެވެ. ކާރުގައި ތިބީ އަހަރުމެން ހަތަރު ޝައިޠާނުންނެވެ. ކުއްލިއަކަށް ކާރު ފުރޮޅާލައިފިއެވެ. އެތައް ބުރެއް އެޅުމަށްފަހު ކާރު މަޑުވެއްޖެއެވެ. އަހަރެންގެ ތިން އެކުވެރިންކުރެ އެކަކުވެސް ސަލާމަތެއް ނުވިއެވެ. ﷲގެ ރަޙުމަތުން މަރުން ސަލާމަތްވީ ހަމައެކަނި އަހަރެންނެވެ.
އަހަރެންނަށް ހޭވެރިކަންވީ އިރު އޮތީ ހޮސްޕިޓަލުގައެވެ. އައިސީޔޫގައެވެ. މަރާއި ދިރުމާއި ދެމެދުގެ ޙާލަތުގައި ދިހަ ދުވަސް ހޮސްޕިޓަލުގައި ހޭދަކުރީމެވެ. އަހަރެންގެ ހޭ އެރުން ވެގެން ދިޔައީ އަލުން އާ ޙަޔާތަކަށް ދިރުން ކަމުގައެވެ. އަހަރެންގެ އިޙުސާސްތައް މަރުވުމަށްފަހު އަލުން އީމާން ވެވުނު ކަހަލައެވެ. އަހަރެންގެ އިޙުސާސްތައް މަރުވުމަށްފަހު އަލުން އީމާން ވެވުނުކަން ކަށަވަރެވެ. ﷲގެ ހަޟުރަތަށް އިސްތިޣުފާރުކޮށް ޙަމްދުސަނާ ކިޔާ ޙާލު އެ އިލާހުގެ ޙަޟުރަތަށް ކުއްތަން ވެއްޖައިމެވެ. އެހެނީ އެ އިލާހީ ދެ މަރުން އަހަރެން ސަލާމަތްކުރެއްވި އިލާހެވެ. އެއީ ކާރުގެ އެކްސިޑެންޓުގެ މަރާއި ޑްރަގުގެ ނުބައިކަމުގެ މަރުންނެވެ.
ހޮސްޕިޓަލުން ހަމަ ވަގުތުން އަހަރެން ނިކުމެގެން ދިޔައީ މިސްކިތަށެވެ. އަހަރެންނަކީ މާޒީގައި ނަމާދުކޮށް އުޅުނު މީހަކީމެއްނޫނެވެ. އަދި ޤުރުޢާން ކިޔަވާ އުޅުނު މީހަކީމެއްވެސް ނޫނެވެ. ﷲއަށް ޙަމްދު ކުރުމުން ޖަލުގައި ހައްޔަރުވުމުގެ ބަދަލުގައި މިސްކިތަށް ވަދެވުނީތީ އަހަރެން ﷲ އަށް ޙަމްދު ކުރީމެވެ. ލަވަތަކާއި ފިލްމުތައް ފިޔަވާ މިއަދު އަހަރެންގެ އެންމެ ގާތް އެކުވެރިއަކީ ޤުރުޢާނާއި ދީނީ ދަރުސްތަކެވެ.
މިއީ އަހަރެންގެ ޙަޔާތުގެ ވާހަކަ ވަރަށް ކުރު ކޮށެވެ. އަހަރެންގެ އަޚުންނާއި އުޚުތުން ކަމުގައިވާ ޒުވާނުންނަށް ނަސޭޙަތްތެރިވެ އިންޒާރު ކުރަން އޮތީ ނުބައި އެކުވެރިންނާއި ދުރުހެލި ވުމަށެވެ. އެއީ އޯގާތެރިކަމުގެ ލިބާހެއް ލައިގެން ތިބޭ މަކަރުވެރި ބައެކެވެ. އެމީހުންގެ ވާހަކަ ތަކަކީ މާމުޔަށް ވުރެ ފޮނި އެއްޗެކެވެ. އެކަމަކު އެމީހުންގެ ހިތް ތަކަކީ ހިޔަޅުގެ ހިތް ފަދަ އެއްޗެކެވެ. އަދި މަސްތުވާތަކެއްޗާއި ދުރުހެލިވުމަށް އަހަރެން ނަސޭޙަތްތެރިވަމެވެ. އެއީ ހުރިހާ ނުބައި ކަމެއްގެ އަސްލެވެ.
އަހަރެންގެ ވާހަކަ ނިންމާލަމުން އެންމެހާ މައިންބަފައިންނަށް ނަސޭޙަތްތެރިވެ އާދޭސް ކުރަމެވެ. ލޮބުވެތި މައިންބަފައިންނެވެ. ތިޔަބައިމީހުންގެ ކައިވެނިތައް ރޫޅާނުލާށެވެ. އާއިލާތައް ވަކިކޮށްނުލާށެވެ. އެކަމުގެ ސަބަބުން ޝިކާރަވެގެން ދާނީ އަހަރެން ފަދައިން ތިޔަ ބޭފުޅުންގެ ލޮބުވެތި ދަރިންތަކެވެ. އިހުމާލު ވެވޭނީ އެކުދިންނާއި މެދުއެވެ. މަގު ގެއްލިގެންދާނީ އެކުދިންނަށެވެ. އަނބުރާ ހޭރިޔާ ކުރެވޭނީ ﷲ ރަޙުމަތްލެއްވި ދަރިއަކަށެވެ.
މަސްދަރު: ހަގީގީ އިސްލާމީ ދިވެހި ވާހަކަ