Last Updated: June 10, 20:48
Wednesday, June 10, 2026
ސިޔާސީ

"ދެމި ތިބޭނީ ދީނުގެ ރިވެތި އުސޫލްތަކުގެ މަތީގައި"

ދެ ދުނިޔޭގެ ސަލާމަތްތެރިކަން ހޯދެން އޮތް ހަމައެކަނި ގޮތަކީ، މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރިކަމާއި އެ ދީނުގެ ރިވެތި އުޞޫލުތަކާއިގެން ކުރިއަށް ގޮސްގެން ކަމަށާއި، އެއީ ހިތުގެ އަޑިން މާ ބޮޑަށް ޤަބޫލުކުރާ ކަމެއް ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ފ. މީދޫގައި ރޭ ބޭއްވި އެމްޑީޕީގެ "ދޭތިން ފަހެތި" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ އަޅުގަނޑުމެން އަބަދުވެސް ދެމި ތިބޭނީ އެ ޤަބޫލު ކުރުން މަތީކަމަށާއި، މި ރާއްޖެ އަކު އެ ނޫން ގޮތަކަށް އެއްވެސް ސިޔާސަތެއް ކަނޑައެޅިގެން ތަންފީޒުވެގެން ނުދާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މިދިޔަ އަހަރު ބަޣާވާތަކުން ވެރިކަން ވައްޓާލި ފަރާތްތަކުން ވަރަށް ގިނަ ވާހަކަތައް ދެއްކި ކަމަށާއި އޭގެ ތެރެއިން އެއް ވާހަކައަކީ، އަޅުގަނޑުމެންނަކީ ލާދީނީ ބައެކޭ ކިޔައިގެން ދެއްކި ވާހަކަ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ހިތާމަފުޅު ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އަޅުގަނޑުމެންނަކީ ވެސް، ހަމަ ހެޔޮ ގޮތުގައި މައިންބަފައިން ބަލާ ބޮޑެތި ކޮށްފައި ތިބި ޞޯލިޙު ދީންވެރި މީހުން ކަމަށެވެ. އެހެން ކަމުން އަޅުގަނޑުމެންނާ މުހާތަބްކޮށް އެފަދަ ވާހަކަތައް ދައްކާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަޅުގަނޑުމެންގެ ވާހަކަދެއްކުމާއި ވިސްނުން ފަހަރުގައި، ޝެއިޚުންގެ ގޮތުގައި އުޅުއްވާ ބައެއް ބޭފުޅުންނާ ތަފާތު ވެދާނެ ކަމަށާއި ނަމަވެސް އެއީ އެއްވެސް ހާލަތެއްގައި އިސްލާމް ދީނުގެ ރިވެތިކަމާއި އެދީނުގެ މަތިވެރި އުޞޫލުތަކާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި ޝައްކު އުފެއްދުން ނޫން ކަމުގައި ވެސް ނަޝީދު ވިދާޅުވި އެވެ.

ވެރިކަމަކީ، މިއާލަމްގައި މާތް ރަސްކަލާނގެ ޙަޟްރަތުން ކުރާ ވެރިކަމެއް ކަމަށާއި އެ ވެރިކަން ޚަރާމް ކަންމަތީގައި ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ބަޣާވާތް ކުރުމަކީ، އިސްލާމް ދީނުގައި އެންމެ ބޮޑަށް ޚަރާމް ކުރައްވާފައިވާ އެއް ކަންތައް ކަން ފާހަގަ ކުރައްވަމުން، އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި މިވަނީ ބަޣާވާތެއްކޮށްފައި ކަމަށާއި މިހާރު ރާއްޖޭގައި ހިނގަމުން މިދަނީ ޚަރާމް ވެރިކަމެއް ކަމަށެވެ. އަދި މުސްލިމު ވެރިއެއް ޤާނޫނީ ހަމަތަކުގެ މަތިން މެނުވީ ވައްޓާ ނުލެވޭނެ ކަމަށާއި އެއީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް އޮތް ފުރުޞަތެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަކީ، ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވެ، މުސްލިމުންގެ ގޮތުގައި ތިބެމެ، މި ޚަރާމްކަންތައް ދަމަހައްޓައިގެން ނުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައިވެސް އަދި އާޚިރަތަށްޓަކައި ވެސް، ވީ އެންމެ އަވަހަކަށް މި ރާއްޖޭގައި ޤާނޫނީ ވެރިކަމެއް ޤާއިމް ކުރެވެން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.