Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ޖަލަށް އެނބުރި ދިޔުމަކީ އުނދަގޫ ކަމެއް: މަހްލޫފް

ފޮޓޯ: ވީއެފްޕީ

ޖަލަށް އެނބުރި ދިޔުމަކީ އުނދަގޫ ކަމެއް ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

އެ ބޭފުޅާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ މި މަސައްކަތުގެ ތެރެއިން އެތައް ބަޔަކު މަރާލައިފި ކަމަށާއި އެތައް ބަޔަކަށް އަނިޔާ ލިބިއްޖެ ކަމަށެވެ.

ޕާޓީތަކުގެ ލީޑަރުން ދިވެހި ރައްޔިތުން އަމާން ބަނދަރަކަށް ވާސިލްކޮށް ދެއްވާނެކަން އެބޭފުޅާ ޔަގީން ކުރައްވާ ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

ޔާމީންގެ އަނިޔާވެރިކަން ﷲގެ އިރާދަފުޅާއެކު ނިންމާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަހުލޫފް ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ބޭފުޅާގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި "ހުކުމް ކުރުމަށް ނިންމާފައިވާކަން ވަރަށް ޔަގީންކޮށް މައުލޫމާތު ލިބިފައިވާ"ކަމަށެވެ.

މިވަގުތު ގޭބަންދުގައި ހުންނެވި މަހްލޫފް ވިދާޅުވި ގޮތުގައި އޭނާ ޖަލަށްލީ ނަމަވެސް ކުރަމުންދާ އިސްލާހީ މަސައްކަތުގައި ފަސްޖެހުމެއް ނެތެވެ.

މަހްލޫފް ވިދާޅުވެފައި ވަނީ "މާތްﷲގެ އިރާދަފުޅުން ދެން ޖަލުން އެނބުރި އަންނަނީ 23 ސެޕްޓެމްބަރުގެ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރުމަށްފަހު" ކަމަށެވެ.