މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު، ނަޖީބު ރައްޒާގް އިއްޔެ ހައްޔަރުކޮށް އޭނާއާ ދެކޮޅަށް ކޮރަޕްޝަނާއި ބޭއިންސާފު އަދި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރުމުގެ ދައުވާ އުފުލަން ޕްރޮސެކިއުޓަރުން ތައްޔާރުވެއްޖެ އެވެ.
މެލޭޝިޔާގެ އެންޓި ކޮރަޕްޝަން އޮފިސަރުން އިއްޔެ ނަޖީބު ހައްޔަރުކޮށް ޑިޓެންޝަނުގައި ބަހައްޓާފައިވާއިރު އޭނާ ވަނީ އޭގެ ކުރީ ދުވަހު ޓުވިޓާ މެދުވެރިކޮށް އާންމު މެސެޖެއް ވެސް އިއްވާފައެވެ. ނަޖީބު ޓުވިޓާ މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނަށް ދީފައިވާ މެސެޖުގައި ރިޕޯޓުތަކުގައި އޭނާ ކުރިކަމަށް ބުނާ ވާހަކަތައް ގަބޫލު ނުކުރުމަށް ގޮވާލާފައިވެއެވެ.
މެލޭޝިޔާގައި ބޭއްވި އާންމު އިންތިޚާބުގައި ނަޖީބުގެ ޕާޓީ ބަލިވެ އޭނާގެ ގޮނޑި ގެއްލިފައިވާއިރު ނަޖީބު ވަނީ ގަދަ ބާރުން ވެރިކަން ކުރުމަށް ވެސް މަސައްކަތް ކޮށްފައެވެ. ޚިޔާނާތުގެ ބޮޑެތި ތުހުމަތުތައް ނަޖީބުގެ މައްޗަށް ކޮށްފައިވާއިރު ވަންއެމްޑީބީ ބޭންކު އުފައްދައި ގައުމުގެ އިގްތިސޯދު ރަނގަޅު ކުރުމަށް ކަމަށް ބުނެ ނަޖީބު ވަނީ އޭނާގެ ޖީބުތައް ރައްޔިތުންގެ ފައިސާއިން ފުރާލާފައި ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ އޭނާއާ ދެކޮޅަށް ކުރި ކެމްޕޭނުގައި އަޑުއުފުލާފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު ކަމާ ހަވާލުވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވަނީ ޚިޔާނާތުން ނަގާފައިވާ ރައްޔިތުންގެ ފައިސާ ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ފައިސާއިން ޚިޔާނާތްތެރިވި ހުރިހާ ފަރާތްތަކުން އެކަމަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޖީބާ ދެކޮޅަށް އުފުލާ ދައުވާތައް އޭނާގެ މައްޗަށް ސާބިތު ވެއްޖެނަމަ 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް ނަޖީބު ވަނީ އޭނާގެ ދިފާއީ ޓީމެއް އެކުލަވާލައި ދައުވާތަކުން ސަލާމަތްވުމަށް މަސައްކަތް ފަށާފައެވެ.