Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ޣައިރު ޤާނޫނީ ކަމެއްގައި ބައިވެރި ނުވާނަން: ފައިސަލް

ފޮޓޯ: ވީނިއުސް

ރިޔާސީ އިންތިހާބުގެ ގާނޫނާއި އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ވޯޓަށް ނާހާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ މަޖިލިހުން ހިންގާ ޣައިރު ގާނޫނީ ކަމެއްގައި ބައިވެރިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އެހެންކަމުން ޣައިރުގާނޫނީ ކަމެއްގައި ބައިވެރިނުވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ މިމަހުގެ ދެވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިން ބިލަކަށް ވޯޓަށް އެހުމަށް ދެކޮޅު ހައްދަވާފައެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ވޯޓަށް އަހަން ބޭނުންވާ އަދަދަށް ތަޅުމުގައި މެންބަރުން ނެތުމުން ކަމަށެވެ.

މަސީހުގެ އެ ނިންމެވުމަށް އިޝާރާތް ކުރައްވާ މެންބަރު ފައިސަލް ނަސީމް ވިދާޅުވީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ މަސްއޫލިއްޔަތު ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް ނުގެންނަނީސް މަޖިލިސް ޖަލްސާތައް ސައްހަ ކަމެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށެވެ.