Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ގޭންގްތަކަށް ވުރެ ފުލުހުންގެ އަނިޔާ ބޮޑު: ރޮޒޭ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގޭންގް ތަކުގެ އަނިޔާވެރިކަމަށް ވުރެ ފުލުހުންގެ އަނިޔާވެރިކަން ބޮޑުވެފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައީސް ޔާމީންގެ ސަރުކާރެއްގައި ރާއްޖޭގެ އަމާންކަން ޤާއިމްކުރެވިފައިވާ މިންވަރާއި ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ގޭންގްތަކަށް ވުރެ ފުލުހުންގެ އަނިޔާ ބޮޑު ކަން ފާހަގަކުރައްވައި ރޮޒެއިނާ ވިދާޅުވި ގޮތުގައި "އެކަން އެއަށް ވުރެ ކުޑަވެގެން" ޖިނާއީ އިޖުރާތުގެ ޤާނޫނަށް އިސްލާހުތައް ހުށަހަޅައިގެން ފުލުހުންނަށް އިތުރު ބާރުތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. ރޮޒެއިނާ އިޝާރާތް ކުރެއްވީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ ޖިނާއީ އިޖުރާތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތަކަށެވެ.

"ގޭންގްތަކުގެ އަނިޔާއަށް ވުރެ ފުލުހުންގެ އަނިޔާ ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑުވެގެން ހިނގައްޖެ"- ރޮޒެއިނާ

ރޮޒެއިނާ ވިދާޅުވީ މަގުތައް އަމާންވި ވާހަކަ ދައްކާއިރު ހަގީގަތުގައި ސަރުކާރުން ކުރި ކަމަކީ، އެއްވެ އުޅުމުގެ މިނިވަންކަން ނަގާލީ ކަމަށެވެ. އަދި އެއީ އަމާންކަން ޤާއިމް ކުރުން ކަމުގައި ވިދާޅުވާ ނަމަ ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކަށް އަސާސީ ހައްގުތަކަކީ ކޮބައިކެން ނޭނގެނީ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި މިހާތަނަށް ރާއްޖޭގައި ގޭންގް މާރާމާރީތަކުގައި 26 މީހުން މަރާލާފައި ވާތީ އެއީ އަމާންކަން ޤާއިމްކުރެވުނީތޯ ރޮޒެއިނާ ވަނީ ސުވާލު އުފައްދަވާފައެވެ.