ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑު އެހުން ކެންސަލްކޮށްފިއެވެ.
މިއަދުގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދު 11:00 އަށެވެ. އަޑުއެހުން ކެންސަލްކޮށްފައިވާ އިރު ސަބަބެއް ސާފުވާގޮތެއް ނުވެއެވެ.
ދައުލަތުން ފާރިސްގެ މައްޗަށް ދައުވާކުރަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެއެވެ.
މީގެ އިތުރުން ޝަހުސު އޮޅުވާލިކަމުގެ ކުށުގެ ދައުވާ ސާބިތުވެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލްޤައްޔޫމް އަށް ހުކުމް ކޮށްފައެވެ. އަދި އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ގެންދެވިފައެވެ.