އައްޑޫ ސިޓީގައި އުފެދޭ ކުނި މެނޭޖް ކުރާނެ އުސޫލެއް ގާއިމު ކުރުމަށްޓަކައި ވޭސްްޓް މެނޭޖްމަންޓް ޕްލޭނެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިޕްލޭން އެކުލަވާލުމުގެ މަސައްކަތް ހަވާލުކުރެވިފައި ވަނީީ އިންޑިޕެންޑެންޓް ކޮންސަލްޓެންޓެއް ކަމަށްވާ ސ. ހިތަދޫ ނައިލޯނުގެ އަހްމަދު ނިޒާމް އާ އެވެ. ކައުންސިލް އިދާރާގައި ބޭއްވުނު ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަބްދުﷲ ސާދިގެވެ.
އާދީއްތަ ދުވަހު ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން އައްޑޫގެ ކުނި މެނޭޖް ކުރުމުގެ މިހާރުގެ ހާލަތު ދެނެ ގަނެ، އައްޑޫގެ ހުރިހާ އަވަށެއްގެ ގޭބިސީތަކާއި، ވިޔަފާރި މުވައްސަސާތަކާއި ތަފާތު ސިނާއީ ފަރާތްތަކުން އުފައްދާ ކުންޏާއި، ޢާއްމު އިޖްތިމާއީ ސަރަހައްދުތަކުގައި އުފެދޭކުނި ރައްކާތެރި ގޮތުގައި ޖަމާކުރާނެ އުސޫލާއި، ރައްކާތެރިކަމާ އެކު ކުނި ނައްތާނެ އުސޫލު ބަޔާންކޮށްފައި އޮންނަން ޖެހެ އެވެ.
އަދި ހަމަމިއާ އެކު މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ހިނގާނެ ޚަރަދުގެ ތަފްސީލް މި ޕްލޭންގައި ހިމަނަން ޖެހެ އެވެ.
އެއްބަސްވުމުގައި ސޮއި ކުރެވޭ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމައި ކައުންސިލަށް މި ޕްލޭން ހުށަހަޅަން ޖެހެ އެވެ. ވޭސްޓްމެނޭޖްމަންޓް ޕްލޭން ފައިނަލް ކުރާނީ، ރައްޔިތުންގެ މަޝްވަރާ އަށް ފަހު އެވެ.
އައްޑޫގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލެވޭނެ ނިޒާމެއް އަދި ގާއިމުކުރެވިފައެެއް ނުވެ އެވެ. ވޭސްޓްމެނޭޖްމަންޓް ޕްލޭނެއް ހަދަން އައްޑޫ ސިޓީ ކައުންސިލުން ނިންމީ، އައްޑޫގެ ކުނީގެ މައްސަލަ އަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ބޭނުމުގަ އެވެ.