ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ކުރެއްވި ޓްވީޓަކާއި ގުޅިގެން އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ތައް މިއަދު ކުރިމިނަލް ކޯޓުގައި ނިންމައި ހުކުމް ކުރުން އެހެން ދުވަހަކަށް ފަސްކޮށްފިއެވެ.
މިއަދުގެ ޝަރީއަތުގައި މަހްލޫފު ވަނީ ހުކުމް ކުރުން ފަސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މަހްލޫފު އެގޮތަށް އެދިވަޑައިގަތުމުން ގާޒީ އަލީ އާދަމް ވިދާޅުވީ މިއަދުގެ ޝަރިއަތަކީ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ ޝަރިއަތެއްކަމަށާއި ހުކުމް ކުރުމަށް ފަހުން ޝަރީއަތެއް ބާއްވާނެކަމަށެވެ. މަހްލޫފު ވަނީ އޭނާގެ ބައްޕަ މުހައްމަދު ހައްސާނު ބޮޑު އޮޕަރޭޝަނަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާތީ ބައްޕަ އާއި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަރެކްޝަންގެ ކިބައިން އެދިފައެވެ.
މަހްލޫފު ވިދާޅުވީ އެއެދުން ކަރެކްޝަނުން ގަބޫލްކޮށް ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސާދީފައިވާ ކަމަށެވެ.
ދައުލަތުން މަހްލޫފުގެ މައްޗަށް ދައުވާ ކުރަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހްލޫފު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. މަހްލޫފު ޓްވީޓުގައި ވިދާޅުވީ ފަހަކަށް އައިސް ޖަލުގައި މަރުވާ މީހުންގެ އަދަދު އިތުރު ވަނީ ކަރެކްޝަނުގެ އިހްމާލުވުން އޮވެގެން ކަމަށެވެ.
މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން ހެޔޮ ނިޔަތުގައި އޭނާއާ ވާހަކަ ދެއްކި ނަމަވެސް ކުރި ޓުވީޓަކާ ގުޅިގެން މިއަދު އޭނާ އަނެއްކާވެސް ޖަލަށް ލާނެ ކަމަށާއި، ޖަލަށް ލިޔަސް ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.
ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ދެ ދައުވާއެއް 2016 ވަނަ އަހަރު މަހްލޫފާ ދެކޮޅަށް އުފުލައި ދެ ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ކޮށް 9 މަސް ދުވަސް ޖަލުގައި ހޭދަކުރެއްވިއެވެ.
އަނެއްކާވެސް ކުރި ޓުވީޓަކާ ގުޅިގެން މަހްލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ދިފާއުގައި މަސައްކަތް ކުރެއްވި ވަކީލުން އެ މައްސަލައިން ބޭރު ކުރުމަށް ފަހުގައެވެ. މަހްލޫފްގެ ދިފާއީ ޓީމުގައި އިސްކޮށް މަސައްކަތް ކުރެއްވި ނާޒިމް ސައްތާރަށް އެ މައްސަލާގައި މަހްލޫފް ދިފާއު ނުކުރެވޭނެ ކަމަށް އެންގުމުން މަހްލޫފް ވަނީ އަމިއްލައަށް ގާނޫނީ ޓީމުގައި ތިއްބެވި އިތުރު ވަކީލުންގެ ސަލާމަތަށް ވިސްނައި މައްސަލައިން ބަރީއަ ކޮށްފައެވެ.