Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ބޭރުގެ ހިމާޔަތް ލިބޭ މީހުންނަށް ވެރިކަމަށް ނާދެވޭ ގޮތް ހަދައިފި

ރާއްޖޭން ބޭރުގެ އެއްވެސް ގައުމަކުން ހިމާޔަތް ހޯދާފައިވާ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރިޔާސީ އިންތިހާބާއި ބެހޭ އިތުރު ދެ އިސްލާހެއްވެސް މިއަދު ފާސްކޮށްފައެވެ. މި އިސްލާހު މަޖްލިސްއިން ފާސްކޮށްފައިވަނީ މަޖްލިސްގެ ޖަލްސާއަށް މިއަދު ހާޒިރުވި 34 މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާއަށް އިދިކޮޅު އެއްވެސް މެމްބަރަކު ހާޒިރެއް ނުވެއެވެ.

މިއަދުގެ ވޯޓު އެހި އިރު ރައްޔިތުން ސީދާ އަމަލު ކުރަންޖެހޭ ގާނޫނަކަށް އިސްލާހު ހުށަހަޅާއިރު މަޖްލިސްގެ ތަޅުމުގައި ތިބެން ޖެހޭ މެމްބަރުންގެ ގާނޫނީ އަދަދު ހަމަނުވެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީމިދިޔަ ދެ ދުވަހުގެ މަތިން ވެސް ރިޔާސީ އިންތިހާބުތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް އިދިކޮޅު މެންބަރުން މަޖިލީހަށް ހާޒިރުވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރި ނަމަވެސް ޖަލްސާގައި ބައިވެރިވެފައި ނުވާތީ އާއި އެ ތިން އިސްލާހު ފާސް ކުރުމަށް ޒަރޫރަތްތެރި ހާލަތެއް އައިސްފައިވާތީ 43 މެންބަރުން ހަމަ ނުވަަނީސް ވޯޓަށް އަހަން ފެންނަ ކަމަށެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ އިދާރީ ފީ 100،000 ރުފިޔާއަށް ބޮޑު ކުރާ ގޮތަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހެޅުއްވި އިސްލާހުވެސް މިއަދު ވަނީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން މިފަދަ އިސްލާހެއް ހުށަހެޅި އިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް އާއި މި ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ތިއްބެވީ ރާއްޖޭން ބޭރުން ހިމާޔަތް ހޯއްދަވައިގެންނެވެ.