ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ އިދާރީ ފީ 100،000ރ. އަށް ބޮޑު ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހެޅުއްވި އިސްލާހު ފާސްކޮށްފައިވަނީ ސަރުކާރުގެ ކޯލީޝަނުގެ 34 މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދު ޖަލްސާ އިދިކޮޅު ފަރާތްތަކުން ވަނީ ބޮއިކޮޓްކޮށްފައެވެ.
މިއަދުގެ ވޯޓު އެހި އިރު ރައްޔިތުން ސީދާ އަމަލު ކުރަންޖެހޭ ގާނޫނަކަށް އިސްލާހު ހުށަހަޅާއިރު މަޖްލިސްގެ ތަޅުމުގައި ތިބެން ޖެހޭ މެމްބަރުންގެ ގާނޫނީ އަދަދު ހަމަނުވެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީމިދިޔަ ދެ ދުވަހުގެ މަތިން ވެސް ރިޔާސީ އިންތިހާބުތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް އިދިކޮޅު މެންބަރުން މަޖިލީހަށް ހާޒިރުވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރި ނަމަވެސް ޖަލްސާގައި ބައިވެރިވެފައި ނުވާތީ އާއި އެ ތިން އިސްލާހު ފާސް ކުރުމަށް ޒަރޫރަތްތެރި ހާލަތެއް އައިސްފައިވާތީ 43 މެންބަރުން ހަމަ ނުވަަނީސް ވޯޓަށް އަހަން ފެންނަ ކަމަށެވެ.
މިއަދުގެ ޖަލްސާގައިވަނީ ބޭރު ގައުމަކުން ހިމާޔަތާއި ރަށްވެހިކަން ހޯދައިގެން އުޅޭ މީހުން، އެ ގައުމެއްގެ ހިމާޔަތާއި ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް، ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފައެވެ.