Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ފޭދޫގެ ފެން ހިންދުމުގެ ނިޒާމު ޤާއިމްކުރުމަށް ބަޔަކާ ޙަވާލުކޮށްފި

ފޭދޫ ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތް ހަވާލުކުރުން - ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީ ފޭދޫ ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.

ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިޔަށް ގެންދާ 18.5 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ.

މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހިމްއެވެ. އަދި ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެކައުންޓެންޓް ޕްރަބާތް ރުވަންޕްރައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، ރައްޔިތުންނަށް ކުރިމަތިވަމުންދާ މި ބޮޑު މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުގެ ތެރެއިން ރާއްޖޭގެ މޫސުމަށްވެސް ބަދަލުތަކެއް އައިސް ވާރޭ ވެހޭ ގަޑިތައް އިތުރުވެ، ބައެއް ރަށްރަށުގައި ކުއްލިއަކަށް ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވާކަމަށާއި، މިކަމަށް ހައްލު ހޯދާދިނުމަށް ރާއްޖޭގެ އެކިކަންކޮޅުގައި ފެން ހިންދުމުގެ ނިޒާމްތައް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މީޣެ އިތުރުން ފޭދޫގައި ފެން ހިންދުމުގެ ނިޒާމްގެ މަސައްކަތް ނިމުމުން އެރަށް ޒަމާނުންސުރެ ދިމާވަމުން ފެން ބޮޑުވުމުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ އައްޑޫ ސިޓީގެ ފޭދުގެ ފެންބޮޑުވުމުގެ މައްސަލައަކީ އިއްޔެއަކު މިއަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށާއި، ފާއިތުވެ ދިޔަ ތިރީހަކަށް އަހަރު ތެރޭވެސް ފޭދޫ ރައްޔިތުން އުޅުނީ އެ ދަތި އުނދަގުލުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މި މައްސަލަ ހައްލުކޮށްދިނުމަށް ކުރީގެ ސަރުކާރުތަކުގައިވެސް ރައްޔިތުން އެދުނުނަމަވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަން ފާހަގަކުރައްވަމުން އައިބީ ވިދާޅުވީ މި ސަރުކާރުން މިހާރުވެސް ފޭދުގައި މުހިންމު ދެ މަޝްރޫއެއްގެ މަސައްކަތް ހިންގަމުންދާކަމަށެވެ.

ފޭދޫގެ ފެން ހިންދުމުގެ ނިޒާމުގެ މަޝްރޫއުގެ ދަށުން އެރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ނެޓްވޯކެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.