Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ބަނގުރާ ސާމާނާ އެކު ހައްޔަރު ކުރި ބަޔަކު ދޫކޮށްލައިފި

ސ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާ އެކު ސ. ފޭދޫން ހައްޔަރު ކުރި ދެ މީހުން ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ސ. ފޭދޫގެ ފަޅުގެއެއްގައި ބަނގުރާ އުފައްދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކަށް، ޖުލައި 3ވަނަ ދުވަހުގެރޭ ސ. ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ.

މިދެމީހުން ހައްޔަރުކޮށް މިމީހުންތިބި ސަރަޙައްދު ބަލައިފާސްކުރި ކުރުމުން، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ ސާމާނާއި، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 5 ލީޓަރުގެ ހަމަކާއި، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 500އެމްއެލްގެ ދެފުޅި އެސަރަޙައްދުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް މަޢުލޫމާތު ދޭ ގޮތުގައި މިދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މިދެމީހުން ދޫކޮށްލާފައެވެ.

މީގެއިތުރުން ރަށުތެރެ އަމާންކުރުމަށް އައްޑޫސިޓީގައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން، ޖުލައި 2ވަނަ ދުވަހު ސ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަރަދޫގެ ފަޅުގެއެއް ބަލައިފާސްކޮށް، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނު ފުލުހުންވަނީ ހޯދާފައެވެ.

މިދެމައްސަލަ ސ. ގަން ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.