އެމެރިކާގެ މިނިވަންދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި، އެފަދަ ދުވަހެއްގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން އެއީ ޤައުމުގެ މިނިވަންކަމާ، ތާރީޚާ ސަޤާފަތް ރަމްޒުކޮށްދޭ ދުވަހެއްކަން ފާހަގަކުރައްވާފައިވެއެވެ.
އަދި ދިވެހިރާއްޖެއާއި އެމެރިކާއާއި ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރުވެފައިވާކަން ފާހަގަކުރައްވައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައި ވަނީ ތާރީޚާއި، ދެޤައުމުން ޤަބޫލުކުރާ އުސޫލުތަކާއި، ދެޤައުމުގެ ދެމެދުގައި އޮތް އިތުބާރުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ އެމެރިކާއަކީ ދިވެހިރާއްޖެއަށް މުހިންމު ޤައުމެއްކަން ފާހަގަކުރައްވައި، މިހާރުވެސް ދިވެހިރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
އަދި ރާއްޖެއާއި އެމެރިކާއާއި ދެމެދު އޮތް މިގުޅުން ކުރިއަށް އޮތްތާގައި ބަދަހިވެ އެކުގައި ގުޅިގެން މަސައްކަތްތަކެއްކުރެވި ދެޤައުމަށާއި ރައްޔިތުންނަށް ފައިދާކުރުވަނިވި ގޮތެއްގައި މަސައްކަތްތަކެއް ކުރުމަށް ބޭނުންފުޅުވާކަން ވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
އެމެރިކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ، 1776 ވަނަ އަހަރުގެ ޖުލައިމަހުގެ 4 ވަނަ ދުވަހު، އިނގިރޭސިންގެ އަޅުވެތިކަމުން އެޤައުމަށް މިނިވަންކަން ލިބުނުކަން އިޢުލާން ކުރި ދުވަހެވެ.